ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ބެންފީކާ ބަލިކޮށް ބާސާއިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ދެވަނަ ބުރުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު މިދިޔަ ހަފްތާގައި ކުޅެފައިވަނީ ބެންފީކާގެ ދަނޑުގައެވެ. އެ ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ބާސާއިން ކުޅުނު އެ މެޗުން ވެސް ބާސާ މޮޅުކޮށްދިނީ ރަފީނިއާ ޖެހި ހަމައެކަނި ލަނޑުންނެވެ.

Ad
rt

އެއް ގޯލުގެ އެޑްވާންޓޭޖާއިއެކު ރޭ ދެވަނަ ލެގުގައި ބާސާއިން ވަނީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށް (4-1) ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ.

މި ސީޒަންގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ، ރޭ މެޗުގައި ވެސް ބާސާއަށް ދެ ލަނޑު ޖަހައިދީފައެވެ. ރޭގައި ޖެހި ދެ ލަނޑާއިއެކު އޭނާ މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 11 އަށް އަރާފައެވެ. މިވަގުތު ލަނޑު ލިސްޓްގެ އެންމެ ކުރީގައި ވެސް އޮތީ އޭނާއެވެ.

ރޭ ޖެހި ދެ ލަނޑާއިއެކު އޭނާއަށް ވަނީ ޗެމްޕިއަންސް ލީގުގައި ރެކޯޑެއް ވެސް މުގުރާލެވިފައެވެ. އެއީ ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ބްރެޒިލް ކުޅުންތެރިޔާގެ ރެކޯޑެވެ.

މީގެ ކުރިން އެ ރެކޯޑް އޮތީ 10 ގޯލު ޖެހި ފަސް ކުޅުންތެރިއެއްގެ އަތުގަ އެވެ. އެއީ އޭސީ މިލާނަށް ކުޅުނު ކަކާ، ޕޯޓޯ ކުޅުނު ޖާޑެލް، ލިވަޕޫލަށް ކުޅުނު ރޮބާޓޯ ފިރްމީނޯ އަދި ބާސެލޯނާ އަށް ކުޅުނު ނޭމާ އަތުގައެވެ.

ރޭ މެޗުގައި ބާސާއަށް ދެން ލަނޑު ޖަހައިދިނީ ލެމީން ޔަމާލްއެވެ. ބެންފީކާގެ ހަމައެކަނި ލަނަޑު ޖަހައިދިނީ ޑިފެންޑަރ އޮޓަމެންޑީއެވެ.

ކުއާޓާ ފައިނަލުގައި ބާސާ ވާދަކުރަން ޖެހޭ ޓީމެއް ކަށަވަރުވާނީ ދެވަނަ ބުރުގައި މިރޭ ފްރާންސްގެ ލިލްއާއި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ވާދަކުރާ މެޗަށް ފަހުއެވެ. ފާއިތުވި ހަފްތާގައި މި ދެ ޓީމްވާދަކުރި ފުރަތަމަ ލެގުގެ މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. އެ މެޗު ކުޅެފައިވަނީ ޑޯޓްމަންޑްގެ ދަނޑުގައެވެ. މިރޭ މެޗު ކުޅޭނީ ލިލްގެ ދަނޑުގައެވެ. މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:45 ގައެވެ.