އުރީދޫ މޯލްޑިވްސްއިން އިއުލާނުކުރި ގޮތުގައި، ކުންފުނީގެ 5ޖީ ނެޓްވޯކް މިހާރު ވަނީ ރާއްޖޭގެ އާބާދީގެ 80 އިންސައްތައަށް ފޯރާ މިންވަރަށް ފުޅާކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފުޅާކުރުމާއެކު އުރީދޫ 5ޖީ މިހާރު ލިބެނީ މީހުން ދިރިއުޅޭ 79 ރަށަކާއި 8 ރިސޯޓަކަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި 225 5ޖީ ސައިޓު ވަނީ ޤާއިމުކޮށްފައެވެ. މި ކުރިއެރުމާއެކު، އުރީދޫގެ 5ޖީ ނެޓްވޯކަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5ޖީ ނެޓްވޯކް ކަމަށް ކުންފުނިން ބުނެފައިވެއެވެ.

Ad
rt

މި ތަރައްޤީއާއެކު، ކުރިއަށްވުރެ ގިނަ ބަޔަކަށް ހަލުއި އިންޓަނެޓް ސްޕީޑާއެކު 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސިނާއަތްތަކަށް ޒަމާނީ ޓެކްނޮލޮޖީއާއެކު ބާރުވެރިވެ، އެކި ދާއިރާތަކުން އިނޮވޭޝަން، އެފިޝަންސީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މަގުފަހިވެގެންދާނެ ކަމަށް ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އުރީދޫ މޯލްޑިވްސްއިން މި ގެނައި ކުރިއެރުމަކީ ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ޑިޖިޓަލް ޕްރޮވައިޑަރުގެ ހައިސިއްޔަތުން، އެކުންފުނީގެ އަމާޒަކީ ޑިޖިޓަލް ތަޖުރިބާތައް އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނާ ގުޅާލުންކަމަށާއި އުރީދޫ 5ޖީ އާބާދީގެ 80 އިންސައްތައަށް ފުޅާވެގެން ދިއުމަކީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ގެނެސް، ޑިޖިޓަލް ރާއްޖެއެއް އުފެއްދުމަށް ކުރާ މަސައްކަތުގެ ހެއްކެއްކަމަށް އެކުންފުނިން ބުނެއެވެ.