ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ހައްޔަރުކޮށްގެން އައިސީސީއަށް ގަދަކަމުން ހާޒިރުކޮށްފިއެވެ.

އިންސާނިއްޔަތާ ޚިލާފު ކުށްތަކުގެ ތުހުމަތުގައި ޑުޓާޓެ ހައްޔަރުކުރުމަށްފަހު، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ގަދަކަމުން ހާޒިރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރެއެވެ. އެކަން ވަނީ އެ ޤައުމުގެ ނައިބު ރައީސް އަދި ޑުޓާޓީގެ ދަރިކަނބަލުން ސާރާ ޑުޓާޓީ ކަށަވަރު ކޮށްދީފައެވެ.

Ad
rt

79 އަހަރުގެ ޑުޓާޓީ ހޮންކޮންގުން މަނީލާ އެއަރޕޯޓަށް އައުމާއެކު ހައްޔަރުކުރެވުނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ އެދުމުގެ މަތިންނެވެ. އޭނާ ހައްޔަރުކުރީ ޑުޓާޓީގެ "މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމަ" އާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނައިބު ރައީސް ސާރާ ޑުޓާޓީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މަނީލާއިން ކުރީގެ ރައީސް "ބޭރުގެ ބާރުތަކަށް" ދޫކޮށްލައިފި ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ މިނިވަންކަމަށް ދެވޭ ހަޑިމުޑުދާރު ޙަމަލާއެއް އަދި ޤައުމުގެ މިނިވަންކަމަށް ލޯބިކުރާ ކޮންމެ ފިލިޕީނޯއަކަށް ކުރެވޭ އިހާނެތި ކަމެއް،" ސާރާ ވިދާޅުވިއެވެ.

"މީގެ އިތުރުން، ކުރީގެ ރައީސް ރޮޑްރިގޯ ރޯއާ ޑުޓާޓީގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެވިފައިވާ ކަމަށާ، އޭނާ ހައްޔަރުކުރެވުނު ފަހުން، އޭނާގެ ޙައްޤުތައް ހޯދުމަށް އަދި ޤާނޫނުން ލިބިދޭ ލުޔެއް ހޯދުމަށް އެއްވެސް ޝަރުޢީ ކޯޓަކަށް ހާޒިރުކުރެވިފައެއް ނުވާ ކަމަށްވެސް ދަރިކަލުން ސާރާ ވިދާޅުވިއެވެ.

"މިއީ އިންސާފެއް ނޫން - މިއީ އަނިޔާވެރިކަމާއި އުނދަގޫކުރުން." ސާރާ އިތުރަށް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ފިލިޕީންސްގެ ސަރުކާރުން އަދި އިތުރު ބަޔާނެއް ނެރެފައެއް ނުވެއެވެ.