ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ހެދުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން 80،000 ލީޓަރުގެ ތެޔޮ ރައްކާކުރާ ދެ ޓޭންކު ޤާއިމްކުރަން ނިންމާފައިވާއިރު، މި ޓޭންކުތަކުގެ ސަބަބުން ކަރަންޓުގެ ޑިމާންޑް އެންމެ ބޮޑުވާ ވަގުތުތަކުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ބުނެފަވެއެވެ.
މާލެ ސަރަޙައްދުގައި އިތުރުވަމުން އަންނަ އާބާދީއަށް، ދެމެހެއްޓެނިވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް، ހުޅުމާލޭގައި ވަގުތީ އިންޖީނުގެއެއް ވަނީ އަޅާފައެވެ. މި މަޝްރޫޢުގެ ދަށުން 13 ޖަނަރޭޓަރު ބަހައްޓައި، ގްރިޑަށް ޖުމްލަ 17 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރާނެއެވެ.
މިހާރު ހިނގަމުންދާ ހޫނު މޫސުމާ ގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިވަގުތު މާލޭ ސަރަޙައްދުގައި ޕީކް ގަޑީގައި ބޭނުންކުރާ ކަރަންޓު 98 މެގަވޮޓްއަށް އަރައެވެ. ސްޓެލްކޯއިން އަންދާޒާކުރަނީ މި ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ ކެޕޭސިޓީ 120 މެގަވޮޓްއަށް އިތުރުވެގެންދާނެކަމަށެވެ.
ނަމަވެސް އަލަށް ބޭނުންކުރާ 17 މެގަވޮޓްގެ ވަގުތީ އިންޖީނުގެއާއެކު، އިތުރުވާ ކެޕޭސިޓީއަށް ދަތިކަމެއް ނެތި ޚިދުމަތް ދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ސްޓެލްކޯއިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!