އެމެރިކާގެ މިލިޓަރީ އެކަޑަމީތަކުގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ކުރީއަހަރުތަކަށްވުރެ މަދުވެއްޖެއެވެ.
އެމެރިކާގެ ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު 2023-2024 ވަނަ އަހަރުގެ ރިޕޯޓުގައި، އެ ގައުމުގެ މިލިޓަރީ އެކަޑަމީތަކުގައި ހިނގާ ޖިންސީ ފުރައްސާރައާއި އަނިޔާގެ މައްސަލަތައް މަދުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
"މިފަހަރުގެ ސަރވޭއިން ދައްކާގޮތުގައި ވޭތުވެދިޔަ 10 އަހަރު ދުވަހު އިތުރުވަމުން އައި ނޭދެވޭ ޢަމަލުތައް މަދުވެފައިވާކަން ފާހަގަކުރެވޭ." އެމެރިކާގެ ޑިފެންސް މިނިސްޓްރީގެ ސެކްޝުއަލް އެސޯލްޓް ޕްރިވެންޝަން އެންޑް ރެސްޕޮންސް އޮފީހުގެ ޑިރެކްޓަރު ޑރ. ނޭޓް ގަލްބްރީތް ވިދާޅުވެފަވެއެވެ.
2023-2024 ވަނަ އަހަރުގެ މިލިޓަރީ ސަރވިސް އެކަޑަމީތަކުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ގާތްގަނޑަކަށް 457 އަންހެން ދަރިވަރުންނާއި 327 ފިރިހެން ދަރިވަރުން "ބޭނުންނުވާ ޖިންސީ ގުޅުމެއްގެ" ޝިކާރައަކަށް ވެފައިވެއެވެ. ނަމަވެސް، މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު ޖިންސީ ފުރައްސާރައިގެ މައްސަލަތައް މަދުވެފައިވާކަން ދައްކުވައިދޭ ހެއްކެއް ކަމުގައި އޮފިޝަލުން ބުނެފައިވެއެވެ.
މި ރިޕޯޓަކީ އެމެރިކާގެ މިލިޓަރީ އެކަޑަމީތަކުގައި ހިނގާ ޖިންސީ ފުރައްސާރައާއި އަނިޔާގެ މައްސަލަތައް ދެނެގަތުމަށް ކޮންމެ އަހަރަކު ނެރޭ ރިޕޯޓެކެވެ. މި ރިޕޯޓުން ދައްކާގޮތުގައި، މިފަދަ މައްސަލަތައް މަދުވެފައިވީ ނަމަވެސް، އަދިވެސް މުހިންމު ދާއިރާތަކެއްގައި މި މައްސަލަތައް ހިނގަމުންދާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!