ޔުކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ރަޝިއާގެ ވަރުގަ ހަމަލާއެއްދީފިއެވެ.
ޔުކްރެއިންގެ އޮފިޝަލުން ބުނާގޮތުގައި ރަޝިޔާއިން ޔުކްރެއިންގެ ހަކަތައާއި ގޭސްގެ ވަސީލަތްތަކަށް އަމާޒުކޮށް ހުކުރު ދުވަހު މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެން ވަރުގަދަ ހަމަލާއެއް ދީފިއެވެ.
"އެކި ސަރަހައްދުތަކުގައި ހުރި ހަކަތައާއި ގޭސްގެ ވަސީލަތްތައް ބޮޑެތި މިސައިލްތަކާއި ޑްރޯންތަކުގެ ހަމަލާތަކުގެ ދަށުގައި ވަނީ" ޔޫކްރެއިންގެ ހަކަތައިގެ މިނިސްޓަރު ޖަރމަން ގަލުޝެންކޯ ފޭސްބުކްގައި ލިޔުއްވިއެވެ.
"ރަޝިޔާއިން އެ ހަމަލާދެނީ އާންމު ރައްޔިތުންނަށް ގެއްލުން ދިނުމަށްޓަކައި، ހަކަތައާއި ގޭސް އުފައްދާ ތަންތަނަށް. އޭގެ މަޤްޞަދަކީ އަޅުގަނޑުމެންގެ ކަރަންޓާއި ހޫނުކުރުމުގެ ނިޒާމުތައް ހަލާކުކޮށްލައި، އާންމު ރައްޔިތުންނަށް ބޮޑު ގެއްލުމެއް ދިނުން" އޭނާ އިތުރު ކުރެއްވިއެވެ.
ރަޝިއާގެ މިފަހުގެ ހަމަލާތައް އައިސްފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުން ކުއްލި ސަމިޓެއްގައި ޔޫރަޕްގެ ދިފާޢީ ޤާބިލިއްޔަތު ވަރުގަދަކުރުމަށް ވާހަކަދައްކާފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާއިން ޔުކްރެއިންއަށް އެހީތެރިކަން ދިނުން ހުއްޓާލާފާނެކަމުގެ ކަންބޮޑުވުމާއެކު، ވޮޝިންގްޓަންއިން ބުނެފައިވަނީ ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމާ ބެހޭގޮތުން ވާހަކަދެއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
ޚާރްކިވްގެ މޭޔަރ އިގޯރ ޓެރެޚޮވް ޓެލެގްރާމްގައި ލިޔުއްވާފައިވާގޮތުން މަދަނީ ވަސީލަތަކަށް ރަޝިއާއިން ދިން ހަމަލާއެއްގައި 4 މީހުން ޒަޚަމްވިއެވެ. އޭގެތެރޭގައި ވައްޓާލެވިފައިވާ ޢިމާރާތެއްގެ ތެރެއިން ނެރެ، ބޭސްފަރުވާ ދެވެމުންދާ އަންހެނެއްވެސް މެއެވެ.
"ހަމަލާ ދިން ތަނުގައި އަލިފާން ރޯވެއްޖެ. ކައިރީގައި ހުރި އެޕާޓްމަންޓް ޢިމާރާތަކަށްވެސް ގެއްލުންވެއްޖެ" އޭނާ ޓެލެގްރާމްގައި އިތުރުކުރެއްވިއެވެ.
ޚާރްކިވް ގަވަރނަރ އޮލެހް ސިނީހުބޮވް ވިދާޅުވީ ރަޝިއާގެ ހަމަލާއެއްގައި އެ ސިޓީގައި ހުރި އަމިއްލަ ކުންފުންޏެއްގެ ކާރުތަކެއްގައި އަލިފާން ރޯވިކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!