ރަޝިޔާއާ ގުޅޭގޮތުން ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ދެއްވި ބަޔާނަކަށް ރައްދު ދެއްވަމުން، ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން، 1812 ވަނަ އަހަރު ނެޕޯލިއަން ބޮނަޕާޓް މޮސްކޯއާ ދެކޮޅަށް ކުރި ހަނގުރާމަ ނިމިގެން ދިޔަގޮތް ހަނދާން ކޮށްދީފިއެވެ.
ބުރާސްފަތި ދުވަހު މޮސްކޯގައި "ޑިފެންޑަރސް އޮފް ދަ ފާދަރލޭންޑް ފައުންޑޭޝަން" ގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، " ނެޕޯލިއަންގެ ޒަމާނަށް އެނބުރި ދާން ބޭނުންވާ މީހުން އަދިވެސް އެބަތިބި ކަމަށާއި، އެފަދަ މީހުން އެކަން ނިމުނުގޮތް ހަނދާނެއް ނެތް’’ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުރީގައިވެސް ފްރާންސްއަށް ރަޝިޔާ ހިފުމަށް ނުކުޅެދުނު ކަމަށާއި، މިފަހަރުވެސް އެކަމުގައި ބަލިވާނެ ކަމަށެވެ. މިއީ ރަޝިޔާގެ ސިފައިންގެ ވަރުގަދަކަމުގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކަލޭގެ ދަރިފުޅާއި، ރަޙްމަތްތެރިންނާއި އެކުވެރިން ފަދަ ޒުވާނުންނާ އެކު، ރަޝިޔާ ހިފުމަކީ ނުކުރެވޭނެ ކަމެއް" މެކްރޯންގެ ނަން ނުގެންނަވާ މެކްރޯންއަށް އިޝާރާތް ކުރައްވައި ޕުޓިން ވިދާޅުވިއެވެ.
ޕުޓިން އިތުރަށް ވިދާޅުވީ، ރަޝިޔާގެ އިދިކޮޅު ފަރާތްތަކުން އަބަދުވެސް އެއް ކުށެއް ތަކުރާރު ކުރާ ކަމަށެވެ. އެކުށަކީ ރަޝިޔާގެ ހައިބަތު މާކުޑަކޮށް ދެކޭކަން ކަމަށް އޭނާ ވިދާޅުވިއެވެ.
ބުދަ ދުވަހު މެކްރޯން ޤައުމާ މުޚާޠަބުކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރަޝިޔާ ވަނީ "ފްރާންސް އަދި ޔޫރަޕަށް ނުރައްކަލަކަށް" ވެފައިކަމަށެވެ. ޔޫރަޕްގެ ބައިވެރިން ހިމާޔަތް ކުރުމަށް ނިއުކްލިއާ ބާރުތަކަށް ބަރޯސާވުމާ ގުޅޭގޮތުން "ސްޓެރެޓެޖިކް ބަހުސެއް" ފެށިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
1812 ވަނަ އަހަރުގެ ތެރޭގައި ފްރާންސްގެ އެމްޕެރާރ އަކަށް ހުންނެވި ނެޕޯލިއަން ބޮނަޕާޓް ވަނީ ރަޝިޔާ ހިފުމަށް އޭނާގެ ސިފައިން ރަޝިޔާ އަށް ފޮނުވާ، މޮސްކޯ އަށް އަރާފައެވެ. ނަމަވެސް ރަޝިޔާގެ ފިނި މޫސުމުގެ ގަދަ ފިނީގެ ސަބަބުން ފަރަންސޭސި ލަޝްކަރު ފަހަތައް ޖެހެން މަޖުބޫރުވެ ވަނީ ބަލިވެފައެވެ. އެ ހާދިސާ ގައި ނެޕޯލިއަންގެ ލަޝްކަރުގައި ހިމެނުނު ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!