މިއަހަރުގެ ފަހުކޮޅު ތަޢާރަފުވާނެ ކަމަށް ލަފާކުރެވޭ ގޫގުލްގެ ޕިކްސެލް 10 ސީރީޒް ސްމާޓްފޯނުތަކުގައި "ޕިކްސެލް ސެންސް" ގެ ނަމުގައި އައު އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންޓެއް ހިމެނޭނެ ކަމަށް ޓެކް ރިޕޯޓެއްގައި ބުނެފިއެވެ.
މި އައު އެސިސްޓެންޓަކީ ފޯނުގައި ހުންނަ އެހެނިހެން ގޫގުލް އެޕްލިކޭޝަންތަކާއެކު މަސައްކަތްކޮށް، ބޭނުންކުރާ ފަރާތްތަކަށް އިތުރަށް ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދޭނެ އެސިސްޓެންޓެއް ކަމަށް ވެއެވެ.
އެންޑްރޮއިޑް އޮތޯރިޓީގެ ރިޕޯޓެއްގައި ގޫގުލްގެ މަސްދަރަކާއި ހަވާލާދީ، ކުންފުނިން މި އައު ވާރޗުއަލް އެސިސްޓެންޓް ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފައިވެއެވެ.
މި އެސިސްޓެންޓަކީ ޕިކްސެލް ފޯނުތަކުގައި ހުންނަ އެހެނިހެން ގޫގުލް އެޕްތަކުން މަޢުލޫމާތު ބޭނުންކޮށްގެން، ބޭނުންކުރާ ފަރާތްތަކަށް އަމިއްލަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ އެސިސްޓެންޓެކެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޕިކްސެލް ސެންސް އެސިސްޓެންޓުން ގޫގުލް ކަލަންޑަރ، ކްރޯމް، ފައިލްސް، ޖީމެއިލް، ގޫގުލް ޑޮކްސް، ގޫގުލް ކީޕް، ގޫގުލް މެޕްސް، ގޫގުލް މެސެޖަސް، ގޫގުލް ފޮޓޯސް، ގޫގުލް ވޮލެޓް، ފޯން، ރެކޯޑަރ، ޔޫޓިއުބް އަދި ޔޫޓިއުބް މިއުޒިކް ފަދަ އެޕްތަކުން މަޢުލޫމާތު ބޭނުންކުރާނެއެވެ.
ޕިކްސެލް 10 ސީރީޒްގައި ޓީއެސްއެމްސީން އުފައްދާ އައު ޓެންސަރ ޖީ5 ޗިޕް ހިމެނޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. ނަމަވެސް މި އައު އެސިސްޓެންޓް ގޫގުލް އިން ހިމަނާނީ ހަމައެކަނި ޕިކްސެލް 10 ސީރީޒްގައި ކަމެއް އަދި ސާފެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!