ކުޑަކުއްޖަކު މަރާލި މައްސަލައެއްގައި މަރުގެ ހުކުމް އިއްވާފައިވާ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަންހެނަކަށް ޔުނެއިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި މަރުގެ އަދަބު ދީފިއެވެ.
ޝަހުޒާދީ ޚާން ނަމަކަށް ކިޔާ 33 އަހަރުގެ އިންޑިއާ އަންހެނަކު 2025 ފެބްރުއަރީ 15 ވަނަ ދުވަހު ޔޫއޭއީގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަރުގެ އަދަބު ދީފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ދިއްލީ ހައިކޯޓަށް ވަނީ މަޢުލޫމާތު ދީފައެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ބަންޑާ ޑިސްޓްރިކްޓްގެ ޝަހުޒާދީ ޚާން، ހަތަރު މަހުގެ ކުޑަކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި އަބޫދާބީގައި އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ކުރެވިފައިވާ ކަމަށެވެ.
އިންޑިއާގެ އެޑިޝަނަލް ސޮލިސިޓަރ ޖެނެރަލް (އޭއެސްޖީ) ޗެޓަން ޝަރުމާ ވިދާޅުވި ގޮތުގައި ޝަހުޒާދީ ޚާންގެ އަދަބު ތަންފީޒުކުރެވިފައިވާ ކަމުގެ ރަސްމީ އެންގުން ޔޫއޭއީ ސަރުކާރުން ޔޫއޭއީގައި ހުންނަ އިންޑިއާ އެމްބަސީއަށް ލިބިފައިވަނީ ފެބްރުއަރީ 28 ގައެވެ.
ޝަހުޒާދީ ޚާންގެ ބައްޕަ ޝައްބީރު ޚާން ވަނީ އޭނާގެ ދަރިފުޅުގެ މައްސަލަ ޤާނޫނީ ގޮތުން އޮތް ގޮތް ސާފުކުރުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ޝަހުޒާދީ ޚާންގެ މަރުގެ ހުކުމް އިއްވުމާ ގުޅިގެން އިންޑިއާގެ ޑިޕްލޮމެޓިކް ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އޭނާގެ ފަރާތުން ވަކާލާތުކޮށް ޔޫއޭއީ ސަރުކާރުގައި އިލްތިމާސްކުރިނަމަވެސް، އެކަމުގައި އިތުރުގޮތެއް ނެތްކަމަށް ހުކުމް ތަންފީޒުކުރުމުގެ ކުރިން އަންގާފައިވެއެވެ.
މި މައްސަލައިގައި 2023 ވަނަ އަހަރު ޝަހުޒާދީ ޚާންއަށް މަރުގެ ހުކުމް އިއްވުނީ، އޭނާ ގޭގައި ބަލަހައްޓަމުން ގެންދިޔަ 4 މަހުގެ ކުޑަކުއްޖަކު ނިޔާވުމާ ގުޅިގެންނެވެ. އޭނާއަކީ 2013 ވަނަ އަހަރުން ފެށިގެން ގޭގައި މަސައްކަތްކުރާ މީހެއްގެ ގޮތުގައި ޔޫއޭއީގައި ދިރިއުޅެމުން އައި އަންހެނެކެވެ.
މި މައްސަލައިގައި ޢާއިލާއިން ބުނެފައިވަނީ ޝަހުޒާދީއަކީ ކުށެއް ނުކުރާ މީހެއް ކަމަށާއި، ދަޢުވާތަކުގައި އިންސާފުވެރިކަން ނެތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!