މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ހީނާ ވިދާޅުވިގޮތުގައި ރައީސް މިހެން ހަމަޖެއްސެވީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީއެވެ.

ވެރިރަށް މާލެ އަށް އިއްޔެ އިރު އޮއްސެނިކޮށް ވެހެން ފެށި ވާރޭ އަދި ވެސް ނުހުއްޓައެވެ.

ބޯ ކެރީގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެން ބޮޑުވެފައެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ފެން ހިންދުމަށް މާލޭގެ 5 ސަރަހައްދެއްގައި 13 ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ކ.ގުރައިދޫއާއި ކ.ހުރާގައި ފެން ހިންދުމުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މޫސުން ގޯސްވެ ބ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް އޮތީ އޮރެންޖު އިންޒާރު ވެސް ނެރެފައެވެ.