އިނގިރޭސި ބޮޑުވަޒީރާއި ބޮޑުވަޒީރު ކީރ ސްޓާމަރ އާއި ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ މިއަދު ލަންޑަނުގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ޔޫކްރެއިނާއާ ބެހޭ ގޮތުން ބޭއްވޭ މުހިންމު ސަމިޓެއްގެ ކުރިންނެވެ.
ބޮޑުވަޒީރުގެ އޮފީސް ކަމުގައިވާ 10 ޑައުނިންގ ސްޓްރީޓުގައި ބޭއްވުނު މި ބައްދަލުވުމުގައި، އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ސަމިޓުގައި ޔޫރަޕުގެ ގިނަ ލީޑަރުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.
ތުރުކީގެ ރައީސް ރަޖަބު ޠައްޔިބް އުރުދުޣާންގެ ފަރާތުން މި ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ހަކަން ފިދާންއެވެ.
ޒެލެންސްކީގެ މި ދަތުރުފުަތުރުފުޅުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާވެސް ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ. މި ބައްދަލުވުން އިންތިޒާމުކުރެވިފައިވަނީ އިނގިރޭސި ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިންނެވެ.
ޒެލެންސްކީ އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވާންސްއާއެކު އޯވަލް އޮފީހުގައި ބޭއްވުނު ބައްދަލުވުމެއްގައި ހޫނު ބަހުސެއް ކުރިއަށް ގޮސްފައިވެއެވެ. މި ބަހުސުގައި ޓްރަމްޕް ވަނީ ޔޫކްރެއިނުގެ ލީޑަރުގެ އެޓިޓިއުޑާމެދު ފާޑުކިޔުއްވާފައެވެ. އަދި ޒެލެންސްކީ ވަނީ އޭނާގެ ޤައުމަށް އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
މި ބަހުސަށްފަހު، ޓްރަމްޕް ވަނީ އޭނާގެ "ޓްރޫތު ސޯޝަލް" އެކައުންޓުގައި ޒެލެންސްކީ އަދި ސުލްހައަށް ތައްޔާރުވެފައި ނުވާ ކަމަށް ބުނެފައެވެ. އަދި ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވެފައިވަނީ އޭނާ ޓްރަމްޕްގެ ކިބައިން މާފަށް އެދެންޖެހޭ ފަދަ ކަމެއް ނުކުރައްވާ ކަމަށެވެ.
ޔޫކްރެއިނާއާ ބެހޭ ގޮތުން ބޭއްވޭ މި ސަމިޓުގައި އެ ޤައުމަށް ދެވޭ އެހީތެރިކަން އިތުރުކުރުމާއި، ހަނގުރާމައިގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!