އިންޑިޔާގެ 71 ވަނަ ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

އިންޑިއާގެ 71 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލީހްއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމްއާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، އުއްތަމް ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދްނާނު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނދައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ޑިފެން މިނިސްޓަރ މާރިޔާ އަޙްމަދު ދިދީވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މި ޙަފްލާގައި އިންޑިޔާގެ ކުރެހުންތެރިއެއް ކަމަށްވާ ހެމަނަންތް ކުމާރް ކުރަހާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ތަސްވީރެއް، އެމަނިކުފާނަށް ވެދުމަށް އަރުވާފައިވެއެވެ.

މި ޙަފްލާގައި 2018 ވަނަ އަހަރުން ފެށިގެން އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިވަމުން އައިސްފައިވާގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. އަދި އިންޑިޔާގެ އިތުރުން ރާއްޖޭގެ ބައެއް ފަންނާނުން މިޙަފްލާގައި މިއުޒިކީ ހުށައެޅުންތައްވެސް ހުށައަޅާފައިވެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި މި ޙަފްލާ ކުރިޔަށްގެންގޮސްފައިވަނީ ދެޤައުމުގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ އެކިއެކި ބައިތައް ހިމަނައިގެންނެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 26 ޖަނަވަރީ 1950 ވަނަ އަހަރު އިންޑިޔާއިން އަލަށް އެކުލަވާލި އެޤައުމުގެ ޤާނޫނުއަސާސީ ވުޖޫދުވެ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުން މިނިވަންވެ މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން ދިޔަ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލީޙް ވެރިކަމާއި ހަވާލުވީއިރު، ހީނަރުވެފައިއޮތް އިންޑިއާ އާއި ރާއްޖޭގެ ގުޅުން އެތައް ރޮނގަކުން މިހާރު ބަދަހިވެފައިވާއިރު، ދިވެހި ދައުލަތުގެ ތިން ބާރުގެ އިސްވެރިން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުން ދެޤައުމުގެ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމަށް ރާއްޖެއިން އިސްކަންދޭ މިންވަރު ހާމަވެގެންދޭއެވެ.