ބިޓްކޮއިންގެ އަގު 500،000 ޑޮލަރަށް އަރާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާކޮށްފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިޖިޓަލް ފައިސާ ކަމުގައިވާ ބިޓްކޮއިންގެ އަގު ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ދަށަށް ގޮސްފައިވީ ނަމަވެސް، ސްޓޭންޑަޑް ޗާޓަޑް ބޭންކުގެ ކްރިޕްޓޯ ދާއިރާގެ ތަޙުލީލުކުރާ ފަރާތުން ބުނެފައިވަނީ ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރުގެ ތެރޭގައި ބިޓްކޮއިންގެ އަގު 500،000 ޑޮލަރަށް އަރާނެ ކަމަށެވެ.

ސްޓޭންޑަޑް ޗާޓަޑްގެ ޑިޖިޓަލް އެސެޓްސް ރިސާޗްގެ އިސްވެރިޔާ ޖެފްރީ ކެންޑްރިކް ވަނީ ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި މިއަހަރުގެ ތެރޭގައި ބިޓްކޮއިންގެ އަގު 200،000 ޑޮލަރަށް އަރާނެ ކަމަށާއި، އަދި ކުރިއަށް އޮތް އަހަރުތަކުގައި މީގެ އަގު އިތުރަށް މައްޗަށް ދާނެ ކަމަށް ލަފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Ad
rt

"ކްރިޕްޓޯ ދާއިރާގައި އަޅުގަނޑުމެންނަށް ބޭނުންވަނީ ސްޓޭންޑަޑް ޗާޓަޑް އަދި ބްލެކްރޮކް ފަދަ ބޮޑެތި މާލީ އިދާރާތަކުގެ ބައިވެރިވުމެވެ،" ކެންޑްރިކް ވިދާޅުވިއެވެ.

ކެންޑްރިކް ވިދާޅުވި ގޮތުގައި މި ދާއިރާ އިތުރަށް ރަސްމީވެ، ސަލާމަތްތެރިވެގެން ދިއުމާއެކު، ބައިބިޓް އެކްސްޗޭންޖުން 1.5 ބިލިއަން ޑޮލަރު ވަގަށް ނެގުން ފަދަ ނޭދެވޭ ޚަބަރުތައް މަދުވެގެންދާނެއެވެ.

ކެންޑްރިކް ވިދާޅުވި ގޮތުގައި ބޮޑެތި މާލީ އިދާރާތަކުން ބިޓްކޮއިން އަދި އެހެނިހެން ކްރިޕްޓޯ އެސެޓްތަކުގައި އިންވެސްޓްކުރުމަށް އިތުބާރު ހޯދުމަށް ބޭނުންވަނީ އަގުތައް ސްޓޭބަލްވުމާއި ޤާނޫނީ ގޮތުން އިތުރު ސާފުކަމެވެ.