ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާދަމާ ރީޑިން ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަން ނިންމައިފިއެވެ.
މި އޮޕަރޭޝަންގައި ކުންފުނީގެ އިސްވެރިންނާއެކު 350 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެ، މާލޭ ސަރަހައްދުގެ ކަރަންޓު މީޓަރުތަކުގެ ރީޑިން ނަގަން ނުކުންނާނެއެވެ.
ސްޓެލްކޯއިން މިއަދު ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ މަޤްޞަދަކީ ރޯދަމަހުގެ ކުރިން މިހާރު ބިލް ނުކުރެވި ހުރި ދުވަސްތަކަށް ބިލް ކުރުމެވެ. މުޅި މާލޭ ސަރަހައްދުގެ ރީޑިން ނެގުމަށް 12 ވަރަކަށް ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވޭކަމަށް އެ ކުންފުނިން ބުންޏެވެ.
މި އޮޕަރޭޝަނާއެކު، ރީޑިން ނެގުމާއި ބިލް ޑެލިވަރ ކުރުމާ ދެމެދު އޮންނަ 20 ނުވަތަ 25 ދުވަހުގެ ބެކްލޮގް ފިލުވާލެވި، ކަސްޓަމަރުންގެ ގިނަ ދުވަސްވީ ޝަކުވާތަކަށް ޙައްލެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި އަހަރުގެ ރޯދަމަހުގެ ބިލިންގ ސައިކަލްގައި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެއް ހަދާ ގޮތަށް ނިންމާފައިވާކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ. މި ބިލުގައި ޑިސްކައުންޓު ހިމެނިގެންދާނީ މިދިޔަ އަހަރުގެ އެންމެ ހޫނު 3 މަސްދުވަސް އުނިކުރުމަށްފަހު ބާކީ 9 މަސްދުވަހުގެ އެވްރެޖަށްވުރެ ބޮޑު ނުވާނެހެންނެވެ. އަދި ބިލް ހިސްޓްރީ ނެތް ތަންތަނަށް އެންމެ މަދުވެގެން 10% ގެ ޑިސްކައުންޓެއް ދެވޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނިގޮތުގައި އެޕްރީލް މަހުން ފެށިގެން ކޮންމެ މަހެއްގެވެސް ފަހު ހަފްތާގައި ރީޑިން ނަގައި، ޖެހިގެން އަންނަ ދުވަހު ބިލް ފޮނުވޭނެއެވެ. މިކަމުން ކަސްޓަމަރުންނަށް ބިލާއި މީޓަރުގެ ރީޑިން އަޅާކިޔަން ފަސޭހަވެ، ސްޓެލްކޯގެ ބިލިންގ ސިސްޓަމަށް ކަސްޓަމަރުންގެ އިތުބާރު އިތުރުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ މި އޮޕަރޭޝަނަށް ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލުން އެދިފައެވެ. އަދި މި ރީޑިން ހިމަނައިގެން ތައްޔާރުކުރާ ބިލްތައް ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!