އެޕަލްއިން ހުކުރު ދުވަހު އައިފޯނަށް އައި.އޯ.އެސް 18.4 ބީޓާ 1 އަޕްޑޭޓް ތަޢާރަފުކޮށް ޕްރައޮރިޓީ ނޯޓިފިކޭޝަންގެ ނަމުގައި ވަރަށް މުހިންމު އައު ފީޗާއެއް ތަޢާރަފުކޮށްފިއެވެ. މި ފީޗާގެ އިތުރުންވެސް މި އަޕްޑޭޓާއެކު އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް ޕެކޭޖް އިން ހަކަތަ ލިބޭ އައު ފީޗަރތަކެއް ގެނެސްދީފައިވެއެވެ.

މި އަޕްޑޭޓުގައި ހިމެނޭ "ޕްރައޮރިޓީ ނޯޓިފިކޭޝަން" އަކީ އެޕަލްއިން 2024 ޖޫން މަހު ބޭއްވި ޑަބްލިޔު.ޑަބްލިޔު.ޑީ.ސީ ގައި އައި.އޯ.އެސް 18 ތަޢާރަފުކުރުމުގެ ތެރޭގައި ދައްކާލި ނަމަވެސް މިހާތަނަށް ނުލިބުނު ފީޗަރއެކެވެ. ނަމުން ދޭހަވާ ފަދައިން، މި ފީޗަރއިން ނޯޓިފިކޭޝަންތައް ދިރާސާކޮށް މުހިންމު ކަމަށް ފެންނަ ނޯޓިފިކޭޝަންތައް ވަކިން ދައްކައެވެ.

Ad
rt

އެޕަލްގެ ބަޔާނުގައިވާ ގޮތުން، އައިފޯނުގެ ޕްރައޮރިޓީ ނޯޓިފިކޭޝަންތައް ޑިވައިސްގައި އޭ.އައި ޕްރޮސެސިންގ ބޭނުންކޮށްގެން ނޯޓިފިކޭޝަންތަކުގެ ފުރިހަމަ މަޢުލޫމާތު ދިރާސާކުރާނެއެވެ. ޕްރައިވެސީ ދެމެހެއްޓުމާއެކު ނޯޓިފިކޭޝަންތަކުގެ މުހިންމުކަން ކަނޑައެޅުމަށް އޭއައި ބޭނުން ކުރާނެއެވެ.

މި ފީޗަރ ޑިފޯލްޓްކޮށް ހުންނާނީ އޮފްކޮށްފައެވެ. ނަމަވެސް "ސެޓިންގސް > ނޯޓިފިކޭޝަންސް > ޕްރައޮރިޓައިޒް ނޯޓިފިކޭޝަންސް" އަށް ގޮސް މި ސެޓިންގ ބަދަލުކުރެވޭނެއެވެ.

އައި.އޯ.އެސް 18.4 ބީޓާ 1 އަޕްޑޭޓްގައި ކޮންޓްރޯލް ސެންޓަރުގައި އަމްބިއެންޓް މިއުޒިކް އޮޕްޝަން ވެސް އިތުރުކޮށްފައިވެއެވެ. މިއިން ހަތަރު ކެޓަގަރީއެއްގެ އަޑުތައް - ނިދުން، ރިލެކްސްވުން، އުފެއްދުންތެރިކަން، އަދި ދުޅަހެޔޮކަން - ހިމެނޭ ރޭންޑަމް ޗޮއިސްއެއް ޖަހައިދޭނެއެވެ.

މީގެ އިތުރުން، އިމޭޖް ޕްލޭގްރައުންޑް އެޕަށް "ކުރެހުން" ކިޔާ އައު ސްޓައިލެއް ވެސް އިތުރުކޮށްފައިވެއެވެ. ކުރިން މިފީޗާރ ލިބެންހުރީ ހަމައެކަނި އިމޭޖް ވޯންޑްގައި ނަމަވެސް، މިހާރު އިމޭޖް ޕްލޭގްރައުންޑްގައިވެސް ލިބޭނެ ކަމަށް އެޕަލްއިން ބުނެފައިވެއެވެ.

އަޕްޑޭޓާއެކު އެޕަލް އިންޓެލިޖެންސް އިތުރު ބަސްތަކަށާއި ސަރަޙައްދުތަކަށް ފުޅާކޮށްފައިވެއެވެ. މިހާރު ޗައިނީޒް، އިނގިރޭސި (އިންޑިއާ، ސިންގަޕޫރު)، ފަރަންސޭސި، ޖަރުމަނު، އިޓަލީ، ޖަޕަނީޒް، ކޮރެއަން، ޕޯޗުގީޒް (ބްރެޒިލް) އަދި ސްޕެނިޝް ބަސްތަކަށް ސަޕޯޓް ލިބޭނެއެވެ.

އެހެނިހެން ބަދަލުތަކުގެ ތެރޭގައި، ޖެންމޯޖީ ކީބޯޑުގައި އައު ލިޔުން ހިމެނުމާއި، އެޕަލް މެޕްސްގައި ބޭނުންވާ ބަސް ސެޓްކުރުމުގެ އޮޕްޝަން، ހޯމް ސްކްރީނަށް އައު ލައިބްރަރީ އަދި ސޯސް ވިޖެޓްތައް، އަދި ޑިފޯލްޓް ތަރުޖަމާ އެޕެއް ސެޓްކުރުމުގެ އޮޕްޝަން ހިމެނެއެވެ.