ޒެލެންސްކީ ރައީސްކަމުގައި ދެމިހުންނާނެކަން ޔުކްރެއިނުގެ ރައްޔިތުންގެ މަޖިލީހުން ކަށަވަރުކޮށްދީފިއެވެ.
ޔުކްރެއިނުގެ ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ވޯޓެއް ނަގައި، ވޮލޮޑިމިރް ޒެލެންސްކީ އެ ޤައުމުގެ ރައީސްކަމުގައި ހަނގުރާމައިގެ މުއްދަތުގައި ދެމިހުންނާނެކަން ކަށަވަރުކޮށްދީފައި މިވަނީ އޭނާގެ ރައީސްކަމުގެ މަޤާމްގެ ޞައްޙަކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.
ވެރްޚޯވްނާ ރާޑާ (ޔުކްރެއިނުގެ ރައްޔިތުންގެ މަޖިލިސް) އިން މި ޤަރާރު ފާސްކުރީ 268 މެންބަރުންގެ ތާއީދާއެކުއެވެ. 12 މެމްބަރަކު މިވޯޓްގައި ބައިވެރިވެފައެއް ނުވެއެވެ. މި ޤަރާރުގައި ބަޔާންކޮށްފައިވަނީ، ޒެލެންސްކީގެ ބާރުތައް މާޝަލް ލޯ (ހަނގުރާމައިގެ ޙާލަތު) ނިމެންދެން ދެމިއޮންނާނެ ކަމަށެވެ.
މި ޤަރާރުގައި ބުނެފައިވާ ގޮތުގައި، ޤާނޫނު އަސާސީގެ ދަށުން ޒެލެންސްކީ އަކީ ޔުކްރެއިނުގެ ޤާނޫނީ ގޮތުން އިންތިޚާބުކޮށްފައިވާ ރައީސް ކަމަށާއި، އަދި އިންތިޚާބު ބޭއްވޭނީ ހަމަޖެހުން އަނބުރާ ގެނެވުމުންނެވެ. ޒެލެންސްކީގެ 5 އަހަރުގެ ދައުރު ނިމުނީ 2024 ގެ މެއި މަހުގައެވެ.
މި ޤަރާރު ފުރަތަމަ ހުށަހެޅުނު އިރު ހޯމަ ދުވަހު ފާސްނުވެ ބޭރުވެގެން ދިޔައެވެ. އޭރު ލިބުނީ 218 ވޯޓެވެ. ފާސްވުމަށް ބޭނުންވަނީ 226 ވޯޓެވެ. މި ފަހަރު ފާސްވުމަށް މަގުފަހިވީ ކުރީގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯގެ ޔޫރަޕިއަން ސޮލިޑަރިޓީ ޕާޓީން އަންގާރަ ދުވަހު "މުހިންމު ދިފާޢީ އަދި ބައިނަލްއަޤްވާމީ ޤާނޫނުތައް" ފާސްކުރުމަށް ހުރަސް ނާޅާނެކަމަށް އިޢުލާނުކުރުމާ ގުޅިގެންނެވެ.
މި މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޒެލެންސްކީގެ ޤާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފައްދާފައެވެ. އޭނާ ބުނެފައިވަނީ ޒެލެންސްކީއަށް ލިބެނީ އާންމުންގެ 4 އިންސައްތައިގެ ތާއީދު ކަމަށާއި، އޭނާއަކީ "އިންތިޚާބެއް ނެތް ޑިކްޓޭޓަރެއް" ކަމަށެވެ.
ހޯމަ ދުވަހު ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިން ބުނެފައިވަނީ ޒެލެންސްކީ ރަޝިޔާއާއެކު މަޝްވަރާކުރުމަށް އިންކާރުކުރަނީ، މަޝްވަރާތަކުން މާޝަލް ލޯ އަވަހަށް ނިމުމަކަށް އަތުވެދާނެތީ ކަމަށެވެ. އޭރުން އިންތިޚާބު ފަސްކުރުމުގެ ބަހަނާ ގެއްލި، ވަގުތުން އިންތިޚާބެއް ބާއްވަން ޖެހިދާނެތީ ކަމަށް ޕުޓިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!