އެމެރިކާގެ ރައީސް، ޓްރަމްޕް ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ދައުވާކޮށްފިއެވެ.

ގޫގުލް މެޕްސް އިން މެކްސިކޯ ކަނޑުގެ ނަން "ގަލްފް އޮފް އެމެރިކާ" އަށް ބަދަލުކޮށްފައިވާއިރު، އޭޕީގެ ޚަބަރުތަކާއި ލިޔުންތަކުގައި އެގޮތަށް ލިޔަމުން ނުދިއުމާ ގުޅިގެން އޭޕީގެ ނޫސްވެރިންނަށް ވައިޓް ހައުސްގެ އިވެންޓްތަކާއި އޯވަލް އޮފީހާއި އެއަރ ފޯސް ވަން އަށް ވަނުން އެމެރިކާ ސަރުކާރުންވަނީ މަނާކޮށްފައެވެ.

Ad
rt

އޭޕީ އިން ދައުވާ ކުރީ މި މަނާކުރުމާ ގުޅިގެން، ޓްރަމްޕް އިދާރާގެ އިސް ތިން ވެރިޔަކާ ދެކޮޅަށެވެ.

ވޮޝިންގްޓަންގެ ޔޫއެސް ޑިސްޓްރިކްޓް ކޯޓުގައި ހުށަހެޅި މި މައްސަލައިގައި އޭޕީ އިން ބުނެފައިވަނީ އެ ފިޔަވަޅަކީ އެމެރިކާގެ ޤާނޫނު އަސާސީގެ ފުރަތަމަ އިސްލާހާއި ފަސްވަނަ އިސްލާހުގެ ޑިއު ޕްރޮސެސް މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ. އަދި އަވަސް އަޑުއެހުމެއް ބާއްވައި، އެ ބަންދުކުރުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއްކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.

އޭޕީގެ ވަކީލުން ބުނެފައިވަނީ ނޫސްވެރިންނާއި އެމެރިކާގެ އެންމެހައި ރައްޔިތުންނަށް އަމިއްލައަށް ބޭނުންކުރާނެ ބަސްތައް އިޚްތިޔާރުކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި، ސަރުކާރުން އެކަމާ ގުޅިގެން ބަދަލުހިފުމުގެ ފިޔަވަޅު އެޅުމަކީ ހުއްދަކަމެއް ނޫންކަމަށެވެ.

ޓްރަމްޕްގެ ރިޔާސީ ޤަރާރަކުން މެކްސިކޯ ކަނޑުގެ ނަން "ގަލްފް އޮފް އެމެރިކާ" އަށް ބަދަލުކުރުމަށްފަހު ވެސް، އޭޕީ އިން ވަނީ އެ ނަން ބޭނުންނުކުރުމަށް ނިންމާފައެވެ. އެ ނިންމުމުގެ ސަބަބެއްގެ ގޮތުގައި އޭޕީ އިން ބުނެފައިވަނީ ޓްރަމްޕްގެ އޯޑަރުގެ ބާރު ހިނގާނީ އެމެރިކާގެ ތެރޭގައި އެކަނި ކަމަށާއި، މެކްސިކޯ އާއި އެހެން ގައުމުތަކަށާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން އެ ބަދަލު ގަބޫލުކުރުން ލާޒިމުނުވާ ކަމަށެވެ.