އިންޑިއާގެ ކޮލްކަތާގައި ހަތް މަހުގެ ކުއްޖަކު ރޭޕް ކުރި މީހަކަށް މަރުގެ އަދަބު ދީފިއެވެ.
ކޮލްކަތާގެ ޚާއްސަ ކޯޓަކުން މިމައްސަލައިގައި މަރުގެ އަދަބު އިއްވައިފައިވަނީ ރާޖީވް ގޯޝް ނަމަކަށް ކިޔާ މީހަކަށެވެ. މަރުގެ އަދަބުގެ އިތުރުން މިމައްސަލައަކީ "ވަރަށް މަދުން ދިމާވާ ބާވަތުގެ ނުރައްކާތެރި" ކުށެއްގެ ގޮތުގައި ކަނޑައަޅައި، އަނިޔާ ލިބުނު ކުއްޖާގެ އާއިލާއަށް 10 ލައްކަ ރުޕީސްގެ ބަދަލު ދިނުމަށް ވެސް ކޯޓުގެ ހުކުމުގައި ވެއެވެ.
ދަޢުވާކުރާ ފަރާތުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު ކޮލްކަތާގެ ބުރްތޮލާ ސަރަޙައްދުގައެވެ. މަގުމަތީގައި ދިރިއުޅޭ މައިންބަފައިން ކުއްޖާ ގެއްލިގެން ހޯދަމުންދަނިކޮށް، ގަޑިތަކެއް ފަހުން ވަނީ ބޮޑެތި އަނިޔާތަކާއެކު މަގުމަތިން ފެނިފައެވެ. މެޑިކަލް ޓެސްޓްތަކުން ދައްކާގޮތުން ކުއްޖާއަށް ވަނީ ޖިންސީ ގޯނާކޮށްފައެވެ.
ވަށައިގެންވާ ސަރަޙައްދުގެ ސީސީޓީވީ ފޫޓޭޖް ބެލުމަށްފަހު ފުލުހުން ތުހުމަތު ކުރެވޭ މީހާ ދެނެގަތެވެ. އޭނާ ހައްޔަރުކުރެވުނީ ކުށް ހިނގިތާ ދުވަސްތަކެއް ފަހުން، 2024 ޑިސެމްބަރު 4 ގައި ވެސްޓް ބެންގާލްގެ ޖާގްރާމްއިންނެވެ.
މި މައްސަލައިގެ ތަޙުޤީޤު އަވަސް މިނެއްގައި ނިންމައި، 26 ދުވަހުގެ ތެރޭގައި ދަޢުވާ ކުރުމަށް ކޯޓަށް ހުށަހެޅުނެވެ. އަދި އަވަސް މައްސަލައެއްގެ ގޮތުގައި ޝަރީޢަތް ކުރިއަށް ގެންދެވުނެވެ.
ސްޕެޝަލް ޕަބްލިކް ޕްރޮސެކިއުޓަރ ބިބާސް ޗަޓަރޖީ މަރުގެ އަދަބަށް އެދުނީ، މި ކުށުގެ ނުރައްކާތެރިކަމާއި ކުޑަކުއްޖާއަށް ލިބުނު ބޮޑެތި އަނިޔާތަކަށް ރިޢާޔަތްކޮށެވެ.
ދަޢުވާ ސާބިތުކުރުމަށް 24 ހެކިންނާއި 7 މެޑިކަލް މާހިރުންގެ ހެކިބަސް ނެގުނެވެ. އަދި ޑީއެންއޭ ހެކީގެ ގޮތުގައި ދައުވާ ލިބޭ މީހާގެ ދަތްތަކުގެ ނިޝާންތަކުގެ ތަޙުލީލުތައްވެސް ކޯޓަށް ހުށަހެޅުނެވެ.
އަނިޔާ ލިބުނު ކުއްޖާއަށް މިހާރުވެސް ދަނީ ކޮލްކަތާގެ އާރުޖީ ކާރު މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ނާޒުކު ޙާލަތެއްގައި ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!