އާޖެންޓީނާގެ ރައީސް ހަވިއޭ މިލެއި $LIBRA ކިޔާ ކްރިޕްޓޯކަރަންސީއެއް ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރުމާ ގުޅިގެން މަކަރު ހަދާ އޮޅުވާލިކަމުގެ ތުހުމަތެއްގައި އޭނާއާ ދެކޮޅަށް އާދީއްތަ ދުވަހު ވަކީލުން ޖިނާއީ ކޯޓުގައި މަކަރުހެދުމުގެ ދައުވާ ކޮށްފިއެވެ.

މިލެއި ހުކުރު ދުވަހު އެކްސްގައި މި ކްރިޕްޓޯކަރަންސީ އެއީ "ކުދި ވިޔަފާރިތަކަށް ފަންޑިންގ ދިނުމުގެ ޒަރީޢާއިން އިޤްތިޞާދީ ކުރިއެރުން ހަލުވިކުރުމަށް" ކަމަށް ބުނެ ޕޯސްޓެއް ކުރިއެވެ. އެހެންނަމަވެސް އޭނާ ފަހުން މި ޕޯސްޓް ޑިލީޓްކުރުމަށްފަހު ކްރިޕްޓޯކަރަންސީގެ އަގު ވެއްޓި، އިންވެސްޓަރުންނަށް މިލިއަން ޑޮލަރުން ގެއްލުން ވެފައިވެއެވެ.

Ad
rt

ވަކީލުން ތުހުމަތުކުރާގޮތުގައި މިއީ "ރަގް ޕުލް" އޭ ކިޔާ ކްރިޕްޓޯކަރަންސީ މަކަރުގެ ބާވަތެކެވެ. މިއީ ޑިވެލޮޕަރުން އިންވެސްޓަރުން ގެނައުމަށްފަހު ޕްރޮޖެކްޓް ދޫކޮށްލުމުން ޓޯކަންތައް އަގުނެތް އެއްޗަކަށް ވެގެންދިއުމެވެ.

ރައީސްގެ އޮފީހުން ބުނެފައިވަނީ މިލެއި އަށް މި ކްރިޕްޓޯކަރަންސީގެ ތަފްޞީލުތަކެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެ އޮފީހުން ކަށަވަރުކޮށްފައިވާ ގޮތުގައި މިލެއި އާއި އޭނާގެ ސަރުކާރުގެ މެންބަރުން $LIBRA ގެ ޑިވެލޮޕަރުންކަމުގައިވާ ކޭއައިޕީ ޕްރޮޓޮކޯލްގެ މަންދޫބުންނާ ރައީސްގެ އޮފީހުގައި ބައްދަލުކޮށްފައިވެއެވެ.

މި މައްސަލަ އެ ޤައުމުގެ ކޮރަޕްޝަން ބެލުމާބެހޭ އޮފީހުން ތަޙްޤީޤުކޮށް، އެއްކުރެވޭ ހުރިހާ މަޢުލޫމާތެއް ޝަރުޢީ ނިޒާމަށް ފޯރުކޮށްދޭނެއެވެ.