ލައިބީރިއާގެ ކުރީގެ ރައީސް އަދި ފުޓްބޯޅައިގެ ލެޖެންޑް ޖޯޖް ވިއާގެ 1995 ވަނަ އަހަރުގެ ބެލޯން ޑޯ ގަތުމަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާ އީލޮން މަސްކް އެދުނު ކަމަށް ބުނާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ވެއާ ވިދާޅުވެއްޖެއެވެ.

އެކި މީޑިއާތަކުގައި ދައުރުވަމުންދިޔަ ޚަބަރުގައި، މަސްކް އެ އެވޯޑު ގަތުމަށް 1 ބިލިއަން ޑޮލަރު ހުށަހެޅި ކަމަށާއި، ނަމަވެސް އެ ހުށަހެޅުން ވިއާ ދެކޮޅު ހެއްދެވި ކަމަށް ބުނެފައިވެއެވެ.

Ad
rt

މީގެ އިތުރުން "އަހަރެންގެ ބެލޯން ޑޯ ވިއްކާލަން ބޭނުމެއް ނުވޭ. އަދި އަހަރެންގެ ދަރިންނަށްވެސް އެ ވިއްކާނުލުމަށް ބުނާނަން. އެއީ އަހަރެން މަސައްކަތްކޮށްގެން ހޯދި އެއްޗެއް" މިފަދައިން ވެއާ ވިދާޅުވި ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އޭސީ މިލާންގެ ކުރީގެ ތަރި ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ބެލޯން ޑޯ ވިއްކާނުލައްވާނެ ކަމަށް ކުރިންވެސް ވިދާޅުވެފައިވީ ނަމަވެސް، އީލޮން މަސްކް އެ އެވޯޑު ގަތުމަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅުއްވާފައެއް ނުވެއެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި، ވެއާ ވިދާޅުވީ ޙަޤީޤަތް ހާމަކުރުމުގެ ގޮތުން މި ޚަބަރަކީ ދޮގު އަދި ސައްޙަނޫން ޚަބަރެއްކަން ސާފުކޮށްދެއްވަން ޖެހިވަޑައިގަތް ކަމަށެވެ.