ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަށްޓަކައި އެމެރިކާ އާއި ރަޝިޔާގެ އިސް އޮފިޝަލުން ކުރިއަށް އޮތް ދުވަސްތަކުގައި ސައުދީ އަރަބިއްޔާގައި ބައްދަލުކުރާނެ ކަމަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރަކު އަދި މި މަޝްވަރާތަކާ ގުޅޭ މަޢުލޫމާތު ލިބިފައިވާ ފަރާތަކުން ހޮނިހިރު ދުވަހު ހާމަކޮށްފިއެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މައިކް ވޯލްޓްޒް އަދި ހުވައިޓް ހައުސްގެ މެދުއިރުމަތީގެ ކަންކަމާ ބެހޭ ސްޕެޝަލް އެންވޯއި ސްޓީވް ވިޓްކޮފް މި މަޝްވަރާތަކުގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނެ ކަމަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރު މައިކަލް މެކޯލް ރޮއިޓަރޒްއަށް މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް ރަޝިޔާގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވާނީ ކޮން ބޭފުޅުންނެއްކަން އަދި ސާފުވެފައެއް ނުވެއެވެ.

Ad
rt

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ އަރިމަތީގައި މެކޯލް ވިދާޅުވީ މި މަޝްވަރާތަކުގެ މަޤްޞަދަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިން އަދި ޔުކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ އެއް މޭޒުދޮށަށް ގެނެސް "މި ހަނގުރާމަ ނިންމައި އަމާންކަން ގެނައުން" ކަމަށެވެ.

ޔުކްރެއިންގެ ރައީސް ޒެލެންސްކީ ހުކުރު ދުވަހު ޖަރުމަނުވިލާތުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސްއާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ ސައުދީ އަރަބިއްޔާގައި ބޭއްވޭ މި މަޝްވަރާތަކަށް ޔުކްރެއިން ދަޢުވަތު ދީފައިނުވާ ކަމަށާއި، ކަމާބެހޭ މުހިންމު ބައިވެރިންނާ މަޝްވަރާކުރުމަކާ ނުލައި ރަޝިޔާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ 20 ގައި ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޓްރަމްޕް ވަނީ ޔުކްރެއިންގެ ހަނގުރާމަ އަވަހަށް ނިންމާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ބުދަ ދުވަހު އެމަނިކުފާނު ވަނީ ޕުޓިން އަދި ޒެލެންސްކީއާ ވަކިވަކިން ފޯނުން ވާހަކަފުޅު ދައްކަވާފައެވެ.

މިކަމުން އެމެރިކާގެ ޔޫރަޕިއަން އެކުވެރިން ކަންބޮޑުވެފައިވަނީ އެފަރާތްތައް މި ސުލްޙައިގެ މަސައްކަތުން އެއްކިބާވެދާނެތީއެވެ.