މޯދީ މަސްކްގެ ދަރިންނަށް 3 ފޮތް ހަދިޔާކުރައްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ޓެކް ބިލިއަނަރު އީލޮން މަސްކްގެ ދަރިންނަށް މުހިންމު 3 ފޮތް ހަދިޔާކުރައްވައިފައިވާއިރު، އެފޮތްތަކަކީ ނޯބަލް ވިނަރ ރަބިންދްރަނާތު ޓާގޯރުގެ "ދަ ކްރެސެންޓް މޫން"، "ދަ ގްރޭޓް އާރްކޭ ނާރާޔަން ކަލެކްޝަން" އަދި "ޕަންޗަތަންތްރަ" މިތިން ފޮތް ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ.
މި ހަދިޔާތައް ދެއްވީ ވޮޝިންގްޓަންގައި ބުދަ ދުވަހު ބޭއްވުނު ބައްދަލުކުރެއްވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި މަސްކްގެ ލޯބިވެރިޔާ ޝިވޮން ޒިލިސް އާއި އޭނާގެ ތިން ދަރިން ބައިވެރިވިއެވެ. ދަރިން މި ފޮތްތައް ބަލަމުންދާ މަންޒަރު ބޮޑުވަޒީރު މޯދީ އެކްސްގައި ޙިއްސާކުރެއްވި ފޮޓޯތަކުން ފެނެއެވެ.
އަނެއްކޮޅުން، މަސްކް ވަނީ މޯދީއަށް ސްޕޭސްއެކްސްގެ ސްޓާޝިޕްގެ ހީޓް ޝީލްޑް ޓައިލްއެއް ހަދިޔާކުރައްވާފައެވެ. މި ހީޓް ޝީލްޑަކީ 2024 ވަނަ އަހަރުގެ އޮކްޓޯބަރ 13 ވަނަ ދުވަހު ކުރެވުނު ފަސްވަނަ ޓެސްޓް ދަތުރުގައި ބޭނުންކުރެވުނު އެއްޗެއް ކަމަށް ބެލެވެއެވެ.
ބްލެއަރ ހައުސްގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި އިންޑިއާ އާއި އެމެރިކާގެ މެދުގައި އާ އީޖާދުތައް، ޖާގަހޯދުން، އާޓިފިޝަލް އިންޓެލިޖެންސް، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާ ފަރާތުން ބޮޑުވަޒީރުގެ އިތުރުން ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރ، ޤައުމީ ސަލާމަތާބެހޭ ލަފާދޭ އަޖިތް ދޯވަލް، އެމެރިކާގައި ހުންނަ އިންޑިއާ ސަފީރު ވިނޭ ކްވާޓްރާ އަދި ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ބައިވެރިވެލެއްވިއެވެ.
"އަޅުގަނޑަށް މިސްޓަރ އީލޮން މަސްކްގެ އާއިލާއާ ބައްދަލުކޮށް، ގިނަ ކަންތައްތަކަކާ ބެހޭގޮތުން ވާހަކަދެއްކުމަކީ އުފަލެއް" މޯދީ އެކްސްގައި ވިދާޅުވިއެވެ.
"ބައްދަލުކުރެވުނީތީ ވަރަށް ބޮޑު ޝަރަފެއް" މޯދީގެ އެ ޕޯސްޓަށް ޖަވާބު ދެއްވަމުން މަސްކް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!