އީލޮން މަސްކްގެ ނުފޫޒުގެ ސަބަބުން އެމެރިކާގެ ވައިޓް ހައުސްގެ ބައެއް އިސްވެރިން މާޔޫސްވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ 15 އަށް ވުރެ ގިނަ ފެޑެރަލް އޭޖެންސީތަކުގެ މައްޗަށް ޓެކް ބިލިއަނަރު އީލޮން މަސްކްގެ ނުފޫޒު ފުޅާވަމުންދާ ވަގުތެއްގައި، މަސްކްގެ ޓީމުން ކަންކަން ކުރިއަށް ގެންދާ ގޮތާ މެދު ރައީސް ޓްރަމްޕްގެ އިސް އެހީތެރިންގެ ހިތްހަމަނުޖެހުން އިތުރުވަމުންދާކަމަށް ވަނީ ހާމަވެފައެވެ.

Ad
rt

ޓްރަމްޕްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސް އާއި އޭނާގެ ޓީމަށް ވަނީ މަސްކްގެ "ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝެންސީ" (ޑޯޖް) އިން ކުރިއަށްގެންދާ ކަންކަމުގެ މަޢުލޫމާތު އެކަށީގެންވާ ވަރަށް ނުލިބޭކަމަށް އިހުސާސްކުރެވިފައެވެ. ޑޯޖްއިން ދަނީ އެތައްހާސް ފެޑެރަލް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް މަސައްކަތްކުރަމުންނެވެ.

ހޯދުނު މަޢުލޫމާތުތަކަށް ބަލާއިރު، ވައިލްސް އަދި އޭނާގެ އިސް އެހީތެރިން ވަނީ ފަހުން މަސްކްއާ ބައްދަލުކޮށް މި މައްސަލަތަކާ މެދު މަޝްވަރާކޮށްފައެވެ. އަދި މީގެ އިތުރުން، މަސްކްގެ އެސޯސިއޭޓުން ފެޑެރަލް މުވައްޒަފުންނަށް ފޮނުވާ އީމެއިލްތަކާ މެދުވެސް ވައިލްސްގެ ޓީމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެހެންނަމަވެސް، މަސްކް ވަނީ ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން، އޭނާއާއި ޓްރަމްޕް އަދި ޑޯޖް ސްޓާފުންގެ މެދުގައި އެއްބައިވަންތަކަން އޮތްކަމަށް ބުނެފައެވެ. އަދި އޭނާގެ މަސައްކަތަކީ ރައްޔިތުންނާއި ޑިމޮކްރަސީގެ މަސްލަހަތުގައި ކުރާ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

ކަމާ ގުޅޭގޮތުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ބުނީ މަސްކް މަސައްކަތްކުރަމުންދަނީ ރައީސްގެ އިރުޝާދުގެ ދަށުން، އެހެން ހުރިހާ ބޭފުޅުންނެކޭ އެއްގޮތަށްކަމަށެވެ.