ދެކުނު ކޮރެއާގެ ޑޭޖިއޯން ސިޓީގައި ހުރި ޕްރައިމަރީ ސްކޫލެއްގައި އަންހެން ޓީޗަރަކު 8 އަހަރުގެ އަންހެން ދަރިވަރަކު ވަޅިން ހަމަލާދީ މަރާލައިފިއެވެ.
40 އަހަރުގެ މި ޓީޗަރު މީހާ މިކަން ކުރިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވެފައިވެއެވެ.
ދެކުނު ކޮރެއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ސްކޫލް ނިމުމަށްފަހު، ދަރިވަރު އާޓް ކްލާހަށް ދިއުމުގެ ކުރިން ކުއްޖާ ބަލަހައްޓާ ގަޑީގައެވެ. ކުއްޖާ އާޓް ކްލާހަށް ނުދިއުމުން، އޭނާގެ ބެލެނިވެރިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުން ސްކޫލަށް ގޮސް ބެލިއިރު، އެ ޓީޗަރާއި ދަރިވަރު ފެނުނީ ވަޅިން ހަމަލާދެވިފައިވާ ހާލުގައި ސީން އިންނެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ދަރިވަރު އޮތީ ހޭނެތިފައެވެ. އަދި ފަހުން އޭނާ މަރުވެފައިވާކަމަށް ވަނީ އިއުލާނުކޮށްފައެވެ. އެ ޓީޗަރުގެ ކަރުގައާއި އަތުގައި ވަޅީގެ އަނިޔާގެ ނިޝާންތައް ހުރިކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި އަނިޔާތަކަކީ އަމިއްލައަށް ކޮށްފައިވާ އަނިޔާތަކެއް ކަމަށް ބެލެވެއެވެ.
މި ޓީޗަކީ ކުރިން ނަފްސާނީ ބައްޔެއްގެ ސަބަބުން ޗުއްޓީއެއް ނަގައި، ފާއިތުވި އަހަރުގެ ފަހުކޮޅު އަނބުރާ ވަޒީފާއަށް ނުކުތް ޓީޗަރެއްކަމަށް އެސްކޫލާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
މިތަހްޤީޤު އަދިވެސް ނުނިމޭތީ ފުލުހުން އެ ޓީޗަރު މީހާއާއި ސުވާލުކުރުމަށް އަދިވެސް ތައްޔާރުވަމުންދާ ކަމަށް ޔޮންހަޕް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!