އިޓަލީގެ ދިފާއީ ވަޒީރު ގުއިޑޯ ކްރޮސެޓޯގެ އަޑު ކޮޕީކޮށްގެން ވިޔަފާރިވެރިންގެ އަތުން ފައިސާ އަތުލުމުގެ ބޮޑު ސްކޭމެއް ހިންގަމުންދާކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ ވަޒީރު އަމިއްލައަށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުންނެވެ.

ވަޒީރުގެ މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިކަމުގައި އަމާޒުކުރެވުނީ އިޓަލީގެ އެންމެ މުއްސަނދި ވިޔަފާރިވެރިންނަށެވެ. މީގެ ތެރޭގައި ފެޝަން އައިކަން ޖޯޖިއޯ އަރމާނީ، ޕްރާޑާގެ ސީއީއޯ ޕެޓްރިޒިއޯ ބަރޓެލީ، މެނަރިނީ ގްރޫޕްގެ ވެރިން ކަމުގައިވާ އަލެއޮޓީ ޢާއިލާ އަދި ބެރެޓާ ޢާއިލާ ހިމެނެއެވެ.

Ad
rt

މި ސްކޭމްގައި ބޭނުންކޮށްފައިވަނީ އިޓަލީ އާއި އީރާނާ ދެމެދު ފަހަކަށް އައިސް ހިނގި ގައިދީން ދޫކޮށްލުމުގެ މުޢާމަލާތެކެވެ. އޭއައި އިން އުފެއްދި "ކްރޮސެޓޯ" ގައި ބުނެފައިވަނީ މެދުއިރުމަތީގައި ހިފަހައްޓާފައިވާ އިތުރު ނޫސްވެރިން ދޫކޮށްލުމަށް ޓަކައި ފިދުޔަ ދެއްކުމަށް އަވަސް ގޮތެއްގައި ފައިސާ ބޭނުންވާ ކަމަށެވެ. އަދި މިއީ ޤައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ގިނަ މީހުން މި ސްކޭމްގައި ނުޖެހުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް، އިންޓަރ މިލާން ފުޓްބޯޅަ ކްލަބްގެ ކުރީގެ ވެރިޔާ މަސީމޯ މޮރަޓީ ވަނީ މި ސްކޭމްގައި ޖެހި، ފައިސާ ޓްރާންސްފަރ ކޮށްފައިވާ ކަމަށް ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ވަޒީރު ވިދާޅުވެފައިވަނީ އޭނާގެ އަޑަކީ "މާސްޓަރޕީސް" އެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ރައްޓެހިން ދެއްކި މަޖާ ވާހަކަތަކެއްވެސް ހިއްސާކުރައްވާފައިވެއެވެ. އޭގެ ތެރޭގައި "ހުރިހާ މާސްޓަރޕީސްތަކެއްގެވެސް ދޮގު ކޮޕީތައް ދައުރުވާ" ކަމަށް އޭނާ ވިދާޅުވިއެވެ.