އިސްރާއީލުން ޣައްޒާއަށް ދިން ގެއްލުމުގެ އަގު 100 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެއްވޭ ކަމަށް ތުރުކީގެ ރައީސް ވިދާޅުވެއްޖެއެވެ.
ތުރުކީގެ ރައީސް ރަޖަބު ޠައްޔިބް އުރުދުޣާން ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ދިން ހަލާކުގެ މާލީ އަގު 100 ބިލިއަން ޑޮލަރަށް އަރާއިރު، މި "ބޮޑު ގެއްލުމުގެ" އަގު އަދާކުރަންޖެހޭނީ ވޭތުވެދިޔަ 15 މަސްދުވަހު ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރި ނަތަންޔާހޫގެ ސަރުކާރުން ކަމަށެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ބޭއްވުނު "ތުރުކީ-މެލޭޝިއާ އައު ޤަރުނުގެ ސްޓްރެޓެޖިކް ތަޢާވުން" ބައްދަލުވުމުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްއާއެކު ވާހަކަފުޅު ދައްކަވަމުން ރައީސް އުރުދުޣާން ވިދާޅުވީ، "އިސްރާއީލުގެ އިދާރާތަކުން ފުރަތަމަ އެމީހުން ކުރި ހަލާކުގެ އަގު ދައްކަންޖެހޭނެ، އަދި މިއާއެކު ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް ފެށެންޖެހޭނެ" ކަމަށެވެ.
ތުރުކީގެ ރައީސް އިތުރަށް ވިދާޅުވީ، ނަތަންޔާހޫ ޣައްޒާގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުން ނެރެ، އެމީހުން ބަދަލުކުރާނެ ތަނެއް ހޯދުމުގެ ބަދަލުގައި، އޭނާ ޣައްޒާއަށް ދިން 100 ބިލިއަން ޑޮލަރުގެ ގެއްލުމުގެ އަގު ދެއްކުމަށް ވަސީލަތްތައް ހޯދަން މަސައްކަތް ކުރަންވީ ކަމަށެވެ.
"ޣައްޒާގެ ރައްޔިތުންގެ ޙައްޤު އަދާކުރުމުގެ ފައިސާ އިސްރާއީލުން ހޯދައިފިނަމަ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޣައްޒާއަށް އަލުން ތެދުވެވޭނެ" ކަމަށް އުރުދުޣާން ވިދާޅުވިއެވެ.
އަދި އިތުރަށް ވިދާޅުވީ، "އިސްރާއީލު ދައުލަތާއި ޤާނޫނާ ޚިލާފު ބިންވެރިން ހިފާފައިވާ ގެތަކާއި، ބިންތަކާއި، މަސައްކަތްކުރާ ތަންތަން އޭގެ ޙައްޤުވެރި ފަލަސްޠީނު ވެރިންނަށް އަނބުރާ ދޭންޖެހޭނެ" ކަމަށެވެ.
1948 ވަނަ އަހަރާއި އޭގެ ފަހުން ފަލަސްޠީނުގެ ރައްޔިތުން އަނިޔާވެރިކަމާއެކު ބަދަލުކޮށް، އެމީހުންގެ ބިމާއި، މުދަލާއި، ތަކެތި ނިގުޅައިގަތުމަށް ކިޔާ "ނަކްބާ" އަށް އިޝާރާތްކުރައްވަމުން އުރުދުޣާން ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަށް ދެވަނަ ނަކްބާއެއް ކުރިމަތިކުރުވަން އެއްވެސް ފަރާތަކަށް ނުކުޅެދޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!