ނެދަލެންޑްސްގެ ސަރުކާރުން އެ ޤައުމުގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް ކަމަށްވާ ޑީޕްސީކް ބޭނުންކުރުން މަނާކޮށްފިއެވެ.

އެ ޤައުމުގެ ލޯކަލް މީޑިއާތަކުން ހާމަކުރާ ގޮތުގައި ނެދަލެންޑްސްގެ ސްޓޭޓް ސެކްރެޓަރީ ފޮރ ކިންގްޑަމް ރިލޭޝަންސް އެންޑް ޑިޖިޓަލައިޒޭޝަން ޒޯލްޓް ޒަބޯ މި މަނާކުރުން ތަންފީޒުކޮށްފައިވަނީ ޖާސޫސް ކުރުމުގެ ފުރުސަތު އޮތުމުގެ ސަބަބުންނެވެ.

Ad
rt

ޑީޕްސީކްއިން އަމިއްލަ މަޢުލޫމާތުތައް ރައްކާކޮށް ޗައިނާގެ ސަރުކާރާ ހިއްސާކުރާކަމުގެ ތުހުމަތުތަކާ ގުޅިގެން، ނެދަލެންޑްސްގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން ވެސް ވަނީ މި އެޕްލިކޭޝަން ބޭނުންކުރުމުގައި ފަރުވާތެރިވުމަށް އިރުޝާދު ދީފައެވެ. އެ އޮތޯރިޓީން ބުނެފައިވަނީ މީހުން އަމިއްލަ އަދި އެހެނިހެން ސިއްރު މަޢުލޫމާތުތައް މި އެޕްލިކޭޝަނަށް އެޅުމުގެ ކުރިން ވިސްނަންވާނެ ކަމަށެވެ.

މި ހަފްތާގެ ކުރީކޮޅު، ދެކުނު ކޮރެއާ އަދި އޮސްޓްރޭލިއާއިން ވެސް ވަނީ ވަކި ޑިޕާޓްމަންޓްތަކުގެ އޮފިޝަލުންނަށް ޑީޕްސީކް ބޭނުސީކް ބޭނުންކުރުން މަނާކޮށްފައެވެ.

ޑީޕްސީކްގެ އެންމެ ފަހުގެ މޮޑެލް ޢާންމުކޮށް ދޫކޮށްފައިވަނީ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. މިކަމާ ގުޅިގެން އެމެރިކާގެ ޓެކް ސްޓޮކްތަކުގެ އަގު ވަނީ ދަށަށް ގޮސްފައެވެ.

ޑީޕްސީކްއިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ޗެޓްބޮޓަކީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ފަދަ ކުރިއަރާފައިވާ ޕްލެޓްފޯމްތަކާ ވާދަކުރެވޭ ފެންވަރުގެ އުފެއްދުމެކެވެ. އަދި މީގެ ކުރީގެ މޮޑެލްތަކަށް ވުރެ މާ ކުޑަ ޚަރަދެއްގައި، މާ ދަށް ފެންވަރުގެ ސެމިކޮންޑަކްޓަރ ޗިޕްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

ޑީޕްސީކްއިން އިތުރަށް ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އުފެއްދުމަކީ ވާދަވެރި އުފެއްދުންތަކަށް ވުރެ މާ މަދުން މެމޮރީ އަދި ހަކަތަ ބޭނުންކުރާ، އަދި އޮޕަރޭޓްކުރަން އަގު ހެޔޮ އުފެއްދުމެކެވެ.

ޗައިނާގެ މި ޗެޓްބޮޓް ނެރުމާ ގުޅިގެން، އެޕަލްގެ އެޕް ސްޓޯގައި އެންމެ ގިނައިން ޑައުންލޯޑްކުރެވުނު ހިލޭ އެޕްގެ ގޮތުގައި ވަނީ އެ އެޕް ރެކޯޑް ކުރެވިފައެވެ.