ޣައްޒާގެ ނެޓްޒަރިމް ކޮރިޑޯއިން އިސްރާއީލީ ސިފައިން އަނބުރާ ގެންދަން ފަށައިފިކަމަށް އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު އާދީއްތަ ދުވަހު ރިޕޯޓުކޮށްފިއެވެ. މިއީ ފަލަސްތީނުގެ ހަމާސް ޖަމާޢަތާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކޭއޭއެން އިން ބުނާ ގޮތުގައި ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް މިއަދު ނިމޭނެ ކަމަށް ލަފާކުރެވެއެވެ. ނެޓްޒަރިމް ކޮރިޑޯއަކީ ޣައްޒާ ސްޓްރިޕް އުތުރާއި ދެކުނަށް ވަކިކޮށް، ގެދޮރު ދޫކޮށްފައި ދިޔަ ފަލަސްތީނުގެ ރައްޔިތުން އަނބުރާ އެނބުރި އައުން ހުއްޓުވުމަށް އިސްރާއީލީ ސިފައިން ކަނޑައަޅާފައިވާ ސަރަހައްދެކެވެ.

Ad
rt

އިސްރާއީލް ސިފައިން ބާލަން ފަށާފައި މިވަނީ ހޮނިހިރު ދުވަހު އިސްރާއީލާއި ހަމާސްއާ ދެމެދު ގައިދީން ބަދަލުކުރުމުގެ ފަސްވަނަ މަރުހަލާ ނިމުމާ ގުޅިގެންނެވެ. މި މަރުހަލާގައި އިސްރާއީލީ ގައިދީންގެ ތިން މީހުން ދޫކޮށްލައިފައިވާއިރު، އޭގެ ބަދަލުގައި ފަަލަސްތީނުގެ 183 ރައްޔިތުން ދޫކޮށްލެވުނެވެ.

މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ދެ ފަރާތުގެ މެދުގައި އިތުރު ގެއްލުންތައް ކުޑަކުރުމަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. ނަމަވެސް، މި ސަރަހައްދުގައި ދިގު މުއްދަތެއްގެ ސުލްހަ ޤާއިމުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ނަގާނެކަން ފާހަގަކުރެވެއެވެ.