މަގުމަތީގައި ވެސް ދުއްވޭ، އުދުހޭ ކާރުތައް ޗައިނާއިން ވިއްކަން ފަށަން ތައްޔާރު ވެއްޖެއެވެ.

ވަރަށް ޚާއްސަ ފީޗާތަކެއް އިތުރުކޮށް ފަރުމާކޮށްފައިވާ، މަގުމަތީގައި ވެސް ދުއްވޭ އަދި އުދުހޭ ކާރުތައް 2026 ވަނަ އަހަރުން ފެށިގެން ވިއްކަން ފަށާނެ ކަމަށް ޗައިނާގެ އެކްސްޕެންގުން ވަނީ ބުނެފައެވެ.

Ad
rt

2025 ވަނަ އަހަރުގެ ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯގައި އެކްސްޕެންގުން ދައްކާލި "ލޭންޑް އެއަރކްރާފްޓް ކެރިއަރ" އަކީ ބިމާއި ވައިގެ ތެރޭގައި ދުއްވޭ ކާރެކެވެ. މިފަދަ ކާރުތައް އާންމުވުމުން މިހާރު 1-2 ގަޑިއިރު ހޭދަވާ ދަތުރުތައް 10-20 މިނެޓަށް ކުރުވެގެންދާނެ ކަމަށް އެކްސްޕެންގުން ބުނެ އެވެ.

މިފަދަ ކާރުތަކަށް ޗައިނާ ސޮސައިޓީ އޮފް އޮޓޮމޯޓިވް އިންޖިނިއަރުން މާނަކުރަނީ ދެ ގޮތަކަށެވެ. އެއީ މަގުމަތީގައި ވެސް ދުއްވޭ އަދި އުދުހޭ ކާރާއި، އާންމު ދަތުރުފަތުރަށް ބޭނުންކުރާ އިލެކްޓްރިކް ވަރޓިކަލް ޓޭކްއޮފް އެންޑް ލޭންޑިންގ (އީވީޓީއޯއެލް) އުޅަނދުފަހަރެވެ.

އުދުހޭ ކާރުތަކުގެ ތަރައްގީ އަންނާނީ ތިން މަރުހަލާއަކަށް ކަމަށް ޗައިނާގެ ދިރާސާއަކުން ދައްކައެވެ. އެގޮތުން 2025 އިން ފެށިގެން ކާގޯ އީވީޓީއޯއެލް އުޅަނދުތައް އާންމުކޮށް ބޭނުންކުރަން ފަށާނެ އެވެ. އަދި 2035 ވަނަ އަހަރާ ހަމައަށް އާންމު ދަތުރުފަތުރަށް ބޭނުންކުރާ އީވީޓީއޯއެލް އުޅަނދުތައް އިތުރަށް ތަރައްގީވެ، ފުޅާ ދާއިރާއެއްގައި އުފެއްދުމަށް މަގުފަހިވެގެންދާނެ އެވެ. 2050 އާ ހަމައަށް ވާއިރު އެއްގަމާއި ވައިގެ ދަތުރުފަތުރު އިންޓެގްރޭޓްވެގެންދާނެ ކަމަށް އެ ދިރާސާގައި ބުނެފައި ވެ އެވެ.