އެކުންފުނީގެ ހިއްސާގެ އަގު ދަށަށް ގޮސްފައިވަނީ ކުންފުނީގެ ކްލައުޑް ކޮމްޕިއުޓިންގ ވިޔަފާރީގެ ކުރިއެރުން އިންވެސްޓަރުން އުންމީދުކުރި މިންވަރަށްވުރެ ދަށްވުމާ ގުޅިގެންނެވެ.
އެމެޒޯންގެ ކްލައުޑް ޔުނިޓް ކަމުގައިވާ އެމެޒޯން ވެބް ސަރވިސަސް (އޭޑަބްލިއުއެސް) ގެ އާމްދަނީ 19 އިންސައްތަ އިތުރުވެ 28.79 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. ނަމަވެސް މިއީ އެނަލިސްޓުން އަންދާޒާކުރި 28.87 ބިލިއަން ޑޮލަރަށްވުރެ ކުޑަ އަދަދެކެވެ.
މި ނަތީޖާއާ ގުޅިގެން އެމެޒޯންގެ މާކެޓް ވެލިއު އިން ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރު ގެއްލިފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި މިކަމުގެ ސަބަބުން 2025 ވަނަ އަހަރު ފެށުނީއްސުރެ ކުންފުނީގެ ހިއްސާގެ އަގު އިތުރުވެފައިވާ މިންވަރު 4 އިންސައްތައަށް ދަށްވެފައިވެއެވެ.
އެމެޒޯންގެ އިތުރުން މައިކްރޯސޮފްޓް އަދި އަލްފަބެޓް (ގޫގުލްގެ މައި ކުންފުނި) ގެ ކްލައުޑް ވިޔަފާރީގެ ކުރިއެރުންވެސް އިންވެސްޓަރުން އުންމީދުކުރި މިންވަރަށްވުރެ ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން މި ދެ ކުންފުނީގެ ހިއްސާގެ އަގުވެސް 3 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.
ސިނޯވަސް ޓްރަސްޓްގެ ސީނިއަރ ޕޯޓްފޯލިއޯ މެނޭޖަރ ޑެނިއަލް މޯގަން ވިދާޅުވި ގޮތުގައި މި ތިން ކުންފުނީގެ ނަތީޖާ އުންމީދާ ޚިލާފުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. "މިއީ ބޮޑު މައްސަލައެއް. ކެޕިޓަލް ޚަރަދު އިތުރުވަމުންދާއިރު، ކީއްވެގެންތޯ އުންމީދުކުރެވުނު ނަތީޖާ ނުނެރެވެނީ؟" އޭނާ ސުވާލު އުފެއްދެވިއެވެ.
މި ނަތީޖާތަކުގެ ސަބަބުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ކުރެވޭ ބޮޑެތި އިންވެސްޓްމަންޓްތަކާމެދު އިންވެސްޓަރުން ސުވާލު އުފައްދަން ފަށާފައިވެއެވެ. ޚާއްޞަކޮށް ޗައިނާގެ ޑީޕްސީކް އިން ދާދިފަހުން ކުޑަ ޚަރަދެއްގައި އޭއައި މޮޑެލްއެއް ތަޢާރަފުކުރުމާ ގުޅިގެން މިކަމުގެ ކަންބޮޑުވުން އިތުރުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!