ޑިސެމްބަރު މަހު ދެކުނު ކޮރެއާގައި ހިނގި އެ ޤައުމުގެ އެންމެ ނުރައްކާތެރި ވައިގެ ހާދިސާއާ ގުޅިގެން، ދެކުނު ކޮރެއާގެ ހުރިހާ އެއަރޕޯޓެއްގައި ބާރޑް ޑިޓެކްޝަން ކެމެރާތަކާއި ރާޑާތައް ހަރުކުރުމަށް އެ ޤައުމުގެ ސަރުކާރުން އަމުރުކޮށްފިއެވެ.
ބިމާއި، އުމްރާނީ ތަރައްޤީއާއި، ދަތުރުފަތުރުގެ ވުޒާރާއިން ބުރާސްފަތި ދުވަހު މި އައު ޕްލޭން އިއުލާނުކުރީ، ޤައުމުގެ އެއަރޕޯޓުތަކުގެ ޚާއްޞަ ސަލާމަތީ ބަލައި ފާސްކުރުމުގެ ބައެއްގެ ގޮތުގައެވެ. މީގެ އިތުރުން، ޚާއްޞަކޮށް ދޫނި ގިނައިން އެއްވާ ސަރަޙައްދުތަކުގެ ތަފްޞީލީ ސަރވޭއެއްވެސް ހަދާނެއެވެ.
މި އަމުރު ނެރުނީ، ޑިސެމްބަރު 29 ވަނަ ދުވަހު ތައިލެންޑުން ދެކުނު ކޮރެއާގެ މުއާން އަށް ދަތުރުކުރަމުންދިޔަ ޖެޖޫ އެއަރގެ ބޯއިންގ 737-800 މަތިންދާބޯޓު، މުއާން އެއަރޕޯޓުގައި ފުރޮޅާލައި، ކޮންކްރީޓް ބެރިއަރއަކާ ޖެހި ބޯޓް ގޮވި ހާދިސާއާ ގުޅިގެންނެވެ. މި ހާދިސާގައި 181 ފަސިންޖަރުންނާއި ފަޅުވެރިންގެ ތެރެއިން 179 މީހުން މަރުވިއެވެ. ސަލާމަތްވީ އެންމެ ދެ މީހުންނެވެ.
"ހުރިހާ އެއަރޕޯޓެއްގައިވެސް މަދުވެގެން އެއް ތާމަލް އިމޭޖިންގ ކެމެރާ ހަރުކުރެވޭނެ،" ވުޒާރާއިން ބުނެފައިވެއެވެ. އަދި މި މަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، "މެދު އަދި ބޮޑެތި ދޫނިތަކާ" ކުރިމަތިލުމަށް މޫވަބަލް ސޯނިކް ޑިވައިސްތައްވެސް ބޭނުންކުރެވޭނެއެވެ.
"ދުރުގައި އުޅޭ ދޫނިތައް އަވަހަށް ދެނެގަތުމަށާއި، މަތިންދާބޯޓުތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް، ހުރިހާ އެއަރޕޯޓެއްގައިވެސް ދޫނި ދެނެގަތުމުގެ ރާޑާތައް ހަރުކުރެވޭނެ،" ވުޒާރާއިން އިތުރަށް ބުނެފައިވެއެވެ.
މި ރާޑާތަކުން ދޫނީގެ ސައިޒާއި އެ ދޫނި ދަތުރުކުރާ މަގު ދެނެގަނެވޭނެއެވެ. އަދި މި މަޢުލޫމާތު އެއަރ ޓްރެފިކް ކޮންޓްރޯލަރުންނަށް ފޯރުކޮށްދެވި، އެ ފަރާތްތަކުން މަތިންދާބޯޓުގެ ޕައިލެޓާ މުވާސަލާތުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!