މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް، އޭނާގެ ލޯބިވެރިޔާ ޕައުލާ ހަރޑްއާ ބެހޭގޮތުން ފުރަތަމަ ފަހަރަށް މީޑިއާއަށް ވާހަކަ ދައްކަވައިފިއެވެ.
ޓުޑޭ ޝޯގައި ދެއްވި އިންޓަވިއުއެއްގައި 69 އަހަރުގެ ބިލް ގޭޓްސް ވިދާޅުވީ އޭނާ މިހާރު އުފަލުގައި އުޅުއްވާ ކަމަށާއި، ޕައުލާއާއެކު އޮލިމްޕިކްސްއަށް ދިއުމާއި އެހެނިހެން ގިނަ ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޕައުލާ ހަރޑަކީ ހެޔޮއެދޭ ފަރާތެއްގެ ގޮތުގައާއި ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޭނާ ކުރިން ކައިވެނިކުރައްވާފައިވަނީ އޮރަކަލްގެ ކުރީގެ ސީއީއޯ މާކް ހަރޑްއާއެވެ. މާކް ހަރޑް މަރުވީ 2019 ވަނަ އަހަރުއެވެ. ބިލް ގޭޓްސްއާއި ޕައުލާ ހަރޑް ފުރަތަމަ ފަހަރަށް އެކުގައި ފެނިފައިވަނީ 2022 ވަނަ އަހަރުއެވެ. އަދި 2023 ވަނަ އަހަރުގެ ކުރީކޮޅު އެ ދެ ބޭފުޅުންގެ ގުޅުން ރަސްމީކޮށް އިޢުލާނުކުރެއްވިއެވެ.
ބިލް ގޭޓްސްގެ ކުރީގެ އަނބިކަނބަލުން މެލިންޑާ ފްރެންޗް ގޭޓްސްއާ ވަކިވެވަޑައިގަތުމާ ބެހޭގޮތުން ވާހަކަދައްކަވަމުން، އެއީ އޭނާގެ ދިރިއުޅުމުގައި އެންމެ ބޮޑަށް ހިތާމަކުރައްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. ޓައިމްސް އޮފް ލަންޑަނަށް ދެއްވި އިންޓަވިއުއެއްގައި ބިލް ގޭޓްސް ވިދާޅުވީ 27 އަހަރުގެ ކައިވެނި ރޫޅުނު ކަމަކީ އޭނާގެ ދިރިއުޅުމުގައި އެންމެ ބޮޑަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް މިހާރު އޭނާ އުޅުއްވަނީ އުފަލުގައި ކަމަށް ވިދާޅުވިއެވެ.
ބިލް ގޭޓްސްއާއި ޕައުލާ ހަރޑް ޕެރިސް އޮލިމްޕިކްސްއާއި ބްރޭކްތްރޫ ޕްރައިޒް ސެރެމަނީ އަދި އަނަންތް އަމްބާނީގެ ކައިވެނީގެ ޙަފްލާގައި އެކުގައި ބައިވެރިވެވަޑައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!