ވަޓްސްއެޕް މެދުވެރިކޮށް ބޭނުންކުރެވޭ ޗެޓްޖީޕީޓީއަށް އައު އަޕްގްރޭޑްތަކެއް ގެނެސްފިއެވެ. މިގޮތުން މިހާރު ޗެޓްޖީޕީޓީއަށް ފޮޓޯއާއި އަޑު މެސެޖް ވެސް ފޮނުވޭނެއެވެ.

އޯޕަން އޭއައި އިން ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗެޓްޖީޕީޓީގެ ރަސްމީ ފޯނު ނަންބަރެއް ތަޢާރަފުކޮށްފައެވެ. މިއީ މީހުންނަށް ވަޓްސްއެޕްގައި ސޭވްކޮށްގެން ސީދާ އޭއައި ޗެޓްބޮޓާ މުޢާމަލާތްކުރެވޭ ގޮތަށް ހަދާފައިވާ ޚިދުމަތެކެވެ. ފުރަތަމަ ތަޢާރަފުކުރިއިރު މި ޚިދުމަތުގައި ހަމައެކަނި ލިޔުމުން މުޢާމަލާތްކުރެވޭ ގޮތަށް އޮތް ނަމަވެސް، މިހާރު ވަނީ ފޮޓޯއާއި ވޮއިސް މެސެޖް ވެސް ބޭނުންކުރެވޭ ގޮތަށް ހަދާފައެވެ.

Ad
rt

ސެން ފްރެންސިސްކޯގައި މައި އޮފީސް ހުންނަ އޯޕަން އޭއައި އިން މި އައު ޚިދުމަތް ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ތަޢާރަފުކޮށްފައެވެ. އަދި ބޭނުންކުރާ ފަރާތްތަކަށް މިހާރު މި ޚިދުމަތް ޓެސްޓުކުރެވޭނެއެވެ.

އެންޑްރޮއިޑް އޮތޯރިޓީން ފުރަތަމަ ފާހަގަކުރި ގޮތުގައި، ވަޓްސްއެޕް މެދުވެރިކޮށް ބޭނުންކުރެވޭ ޗެޓްޖީޕީޓީއަށް މިހާރު ފޮޓޯއާއި އަޑު މެސެޖް ފޮނުވޭނެއެވެ. މާނައަކީ ބޭނުންކުރާ ފަރާތްތަކަށް މިހާރު ފޮޓޯއެއް ނުވަތަ އަޑު މެސެޖެއް އޭއައިގެ ޗެޓަށް ފޮނުވުމުން އެއަށް ޖަވާބު ދޭނެއެވެ. ނަމަވެސް، ޗެޓްބޮޓުން ޖަވާބު ދެނީ ހަމައެކަނި ލިޔުމުންނެވެ. އަދި މިވަގުތު ފޮޓޯ އުފެއްދުމުގެ ނުވަތަ ދެކޮޅަށް އަޑުން މުޢާމަލާތްކުރުމުގެ ޤާބިލުކަމެއް ނެތެވެ.

ފޮޓޯ ޕްރޮސެސްކުރުމުގެ ޤާބިލުކަމާއެކު، ބޭނުންކުރާ ފަރާތްތަކަށް މިހާރު ކޮންމެ ފޮޓޯއަކާ ގުޅޭގޮތުން ވެސް ޗެޓްޖީޕީޓީއާ ސުވާލުކުރެވޭނެއެވެ. އަދި އެމީހުންގެ މީމްތައް ވެސް ރޭޓުކޮށްދިނުމަށް އެދެވިދާނެއެވެ. ކޮމްޕިއުޓަރ ވިޝަން ބޭނުންކޮށްގެން، އޭއައީއަށް ފެންނަ މަޢުލޫމާތު ޕްރޮސެސްކޮށް ސުވާލުތަކަށް ޖަވާބުދެވޭނެއެވެ.

ނަމަވެސް، މި ފީޗަރ ބޭނުންކުރުމުން ފޮޓޯ އޯޕަން އޭއައީގެ ސަރވަރތަކަށް ފޮނުވޭނެތީ، އަމިއްލަ މަޢުލޫމާތު ނުވަތަ ސިއްރު މަޢުލޫމާތު ހިމެނޭ ފޮޓޯތައް ނުފޮނުވުމަށް އިރުޝާދު ދީފައިވެއެވެ. މި އައު އަޕްގްރޭޑާއެކު، ވަޓްސްއެޕް މެދުވެރިކޮށް ޗެޓްޖީޕީޓީ ބޭނުންކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.