ސްވީޑަންގެ އޮރެބްރޯ ސިޓީގައި ހުރި ބޮޑެތި މީހުންގެ ތަޢުލީމީ މަރުކަޒެއްގައި އަންގާރަ ދުވަހު ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެއެވެ.

މިއީ ސްކެންޑިނޭވިއަން ޤައުމުތަކުގެ ތާރީޚުގައި ހިނގާފައިވާ އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Ad
rt

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިސްބަރގްސްކާ ސްކޫލުގައި ހިނގި މި މާރާމާރީ ފެށުނީ މެންދުރުފަހު 12:33 ގައެވެ. އެންމެ ފުރަތަމަ ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މަދުވެގެން 5 މީހުންނަށް ވަނީ ބަޑި ޖަހާފައެވެ. ނަމަވެސް، ގަޑިއިރުތަކެއް ފަހުން ދިން އަޕްޑޭޓެއްގައި ފުލުހުން ބުނީ ގާތްގަނޑަކަށް 10 މީހުން މަރުވެފައިވާ ކަމަށެވެ. މަރުވި މީހުންނީ ކޮންބައެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

"މިއަދު މިތަނުގައި 10 ވަރަކަށް މީހުން މަރުވެފައިވާކަން އަޅުގަނޑުމެންނަށް އެނގޭ. މިހާރު މި ވަގުތު އަޅުގަނޑުމެންނަށް ސީދާ އަދަދެއް ނޭނގޭ ސަބަބަކީ މި ހާދިސާގެ ބޮޑުމިނުގެ ސަބަބުން،" ލޯކަލް ޕޮލިސް ޗީފް ރޮބަރޓޯ އީދު ފޮރެސްޓް ވިދާޅުވިއެވެ.

އޮރެބްރޯ ޔުނިވަރސިޓީ ހޮސްޕިޓަލުގެ ތަރުޖަމާނެއް ބުނި ގޮތުގައި ހޮސްޕިޓަލަށް ގެނެވުނު 5 މީހުންގެ ތެރެއިން އެކަކަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެކެވެ. އަދި 4 މީހަކު އޮޕަރޭޝަން ކުރަން ޖެހިފައިވާއިރު، އޭގެ ތެރެއިން 2 މީހުންގެ އޮޕަރޭޝަން ނިމި ހާލަތު ރަނގަޅުވެފައިވާ ކަމަށް ތަރުޖަމާނު އަލްޖަޒީރާއަށް ކިޔަދިނެވެ.

ފުލުހުން ބުނާ ގޮތުގައި ހަމަލާ ދިން މީހާވެސް މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބެލެވެއެވެ. އިތުރު ހަމަލާއެއް ދޭނެ ކަމަކަށް ނުބެލެވޭ ކަމަށާއި، މިއީ "ޓެރަރިޒަމް" އާ ގުޅުން ހުރި ކަމެއް ކަމަކަށްވެސް މިވަގުތަކު ނުބެލެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފޮރެސްޓް ވިދާޅުވި ގޮތުގައި މިހަމަލާގައި ބައިވެރިވެފައިވަނީ އެވަގުތު ހަމަލާ ދިން މީހާ އެކަނި ކަމަށް ފުލުހުން ޤަބޫލުކުރާ ކަމަށެވެ. އަދި އޭނާއަކީ ކުރިން ފުލުހުންނަށް އެނގިފައިވާ މީހެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާއަކީ "މީހުން މެރުމަށް މަސައްކަތްކުރުމާއި، އަލިފާން ރޯކުރުމާއި، ހަތިޔާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ގޮތުގައި ބެލެވޭ ކަމެއް ކަމަށެވެ.