ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޖަމިއްޔާ “ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް” (ބީވީއައިއެސްއެމް) އިން ތެލްސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ އެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ކުރިޔަށް ގެންދާ ހަރަކާތެކެވެ.

Ad
rt

މިއަދު ހަވީރު 17:00 އާއި ހަމަޔަށް މި ޕްރޮގްރާމް ކުރިޔަށް ދާނެކަމަށް އެޖަމިއްޔާއިންވަނީ ބުނެފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ގިނަބަޔަކު ވަނީ އަލަށް ލޭ ހަދިޔާކޮށްފައެވެ. ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރުތަމަ ލޭ ހަދިޔާ ކުރެއްވީ ޖަމިއްޔާގެ ރައީސް އަލީ ސަމީމް އެވެ.

އެ ޖަމިއްޔާގެ އަހަރީ ދުވަހަކީ ޖަނަވަރީ 26 އެވެ. ނަމަވެސް ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިޔަށް ގެންދަނީ މިއަދެވެ. މީގެއިތުރުންވެސް އަހަރީ ދުވަހާއި ގުޅިގެން އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އެޖަމިއްޔާއިން ވަނީ ނިންމާފައެވެ.