ސީރިއާގެ އުތުރުގައިވާ މަންބިޖު ސަރަޙައްދުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި މަދުވެގެން 20 މީހުން މަރުވެ، އަދި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެކަމަށް ސީރިއާގެ ވަގުތީ ސަރުކާރުން މިއަދު ބުނެފިއެވެ.
މިދިޔަ ޑިސެމްބަރު މަހު ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު، މިއީ އެޤައުމުގައި ދިން އެންމެ ގިނަބަޔަކު މަރުވި ހަމަލާއެވެ. މި ސަރަޙައްދުގައި ތުރުކީގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާ ބާރުތަކާއި ކުރުދީންގެ ނުފޫޒު އޮންނަ ގްރޫޕަކާ ދެމެދު ހަނގުރާމަ ހިނގަމުންދާއިރު، މިއީ މިދިޔަ މަހެއްހާ ދުވަސްތެރޭގައި ދިން ކާރު ބޮމުބެ ހަތްވަނަ ހަމަލާއެވެ.
ސީރިއާގެ އައު ރައީސް އަޙްމަދު އަލް-ޝަރާގެ އޮފީހުން މި "ޓެރަރިސްޓް" ހަމަލާ ކުށްވެރިކޮށް، މިކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައިވެއެވެ. "މި ޖަރީމާގެ ފަހަތުގައިވާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދެވޭނެ. އެއީ ސީރިއާގެ ސަލާމަތާއި ރައްޔިތުންނަށް ގެއްލުން ދިނުމަށް ވިސްނާ ކޮންމެ މީހަކަށްވެސް ޢިބުރަތަކަށްވުމަށްޓަކައި،" އޮފިޝަލުން ބުނެފައިވެއެވެ.
ހޮސްޕިޓަލުގެ މުވައްޒަފުން އެސޯސިއޭޓެޑް ޕްރެސްއަށް ބުނިގޮތުގައި، މި ހަމަލާ ދެވުނީ ރޭގަނޑު، ގިނައަދަދެއްގެ ދަނޑުވެރިން ދަތުރު ކުރަމުންދިޔަ އުޅަނދަކާ ކައިރީގައެވެ.
ސީރިއާ ސިވިލް ޑިފެންސް ނުވަތަ "ވައިޓް ހެލްމެޓްސް" އިން ބުނާގޮތުގައި މި ހަމަލާގައި މަދުވެގެން 11 އަންހެނުންނާއި 3 ކުޑަކުދިން މަރުވެފައިވެއެވެ.
"މި ކޮންމެ ޝިކާރައަކީވެސް ޢާއިލާއަކާއި ހުވަފެންތަކެއް އޮތް ބައެއް. އެމީހުންގެ ދިރިއުޅުމަށް މަސައްކަތްކުރުން ބަދަލުވެގެން ދިޔައީ މަރާއި ޒަޚަމްތަކަށް. އެމީހުންނަށް އިންސާފު ހޯދައިދޭންޖެހޭ، އަދި މި ޖަރީމާގެ ފަހަތުގައިވާ މީހުން ޖަވާބުދާރީ ކުރުވަންޖެހޭ،" މި ސަލާމަތީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިހާތަނަށް މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!