އެމެރިކާއިން މެކްސިކޯއަށް ކަނޑައެޅި ޓެރިފް އެއް މަސް ދުވަހަށް ފަސްކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ މެކްސިކޯއިން އެ ގައުމުގެ އުތުރު ސަރަޙައްދު ބަލަހައްޓަން 10،000 ނޭޝަނަލް ގާޑުން ގެންގުޅުމަށް އެއްބަސްވުމާ ގުޅިގެން މެކްސިކޯއަށް އަޅަން ނިންމާފައިވާ އައު ޓެރިފްތައް އެއް މަސް ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ޤާނޫނާ ޚިލާފަށް މަސްތުވާތަކެތި، ޚާއްޞަކޮށް ފެންޓަނިލް، އެތެރެކުރުން ހުއްޓުވުމެވެ.

Ad
rt

މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގައި މެކްސިކޯއަށް ބާރުގަދަ ހަތިޔާރު އެތެރެކުރުން ހުއްޓުވުމަށް އެމެރިކާއިން މަސައްކަތް ކުރުމަށްވެސް އެއްބަސްވެފައިވެއެވެ. ދެ ގައުމުގެ ލީޑަރުން މި މަޝްވަރާތައް ކުރެއްވީ އެމެރިކާއިން މެކްސިކޯ، ޗައިނާ އަދި ކެނެޑާއަށް އަޅަން ނިންމާފައިވާ ޓެރިފްތައް ތަންފީޒުކުރަން ގަސްތުކޮށްފައިވާ ވަގުތު ޖެހުމުގެ ކުރިންނެވެ.

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި މި އެއް މަސް ދުވަހުގެ މުއްދަތުގައި ދެ ގައުމުގެ މެދުގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. "ރައީސް ޝެއިންބަމްއާއެކު މި މަޝްވަރާތަކުގައި ބައިވެރިވެ، އަޅުގަނޑުމެންގެ ދެ ގައުމުގެ މެދުގައި 'އެއްބަސްވުމަކަށް' ވާސިލުވުމަށް މަސައްކަތްކުރުމަށް އަޅުގަނޑު ބޭނުންވޭ،" ޓްރަމްޕް ޓްރޫތް ސޯޝަލްގައި ލިޔުއްވިއެވެ.

ރައީސް ޝެއިންބަމް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، "މި މަހުގެ ތެރޭގައި މަސައްކަތްކޮށް، މިއީ ކުރިއަށް ދިއުމަށް އެންމެ ރަނގަޅު ގޮތްކަން އެއްބަޔަކު އަނެއްބަޔަކަށް ޤަބޫލުކުރުވުމުގެ ފުރުޞަތު ލިބިފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތާންގައި މިއަށްވުރެ ރަނގަޅު ނިންމުންތަކެއްވެސް އަތުވެދާނެކަމުގެ އުންމީދު އޮތްކަމަށް އޭނާ ވިދާޅުވިއެވެ.