އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީ (ޖީ.ޕީ.ޑީ.ޕީ) އިން ބުރާސްފަތި ދުވަހު ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އެޕްލިކޭޝަން ޑީޕްސީކްއަށް އެކްސެސް ބްލޮކްކޮށްފިއެވެ. މިގޮތަށް ބްލޮކްކޮށްފައިވަނީ އިޓަލީގެ ޔޫޒަރުންގެ ޑޭޓާ ރައްކާތެރިކުރުމަށް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މީގެ އިތުރުން، ޗެޓްބޮޓް ޚިދުމަތް ދޭ ކުންފުނިތަކަށް ވެސް އިޓަލީގެ ޔޫޒަރުންގެ ޑޭޓާއަށް އެކްސެސްވުން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފައިވެއެވެ. މި ކުންފުނިތަކަކީ ހަންގްޒޯ ޑީޕްސީކް އާޓިފިޝަލް އިންޓެލިޖެންސް އާއި ބީޖިންގ ޑީޕްސީކް އާޓިފިޝަލް އިންޓެލިޖެންސްއެވެ.
މި ނިންމުން ނިންމާފައިވަނީ އެ ކުންފުނިތަކުން އެއްކުރާ ޒާތީ މަޢުލޫމާތުތަކާއި އެ މަޢުލޫމާތުތައް އެއްކުރުމުގެ ޤާނޫނީ އަސާސްތައް ވަޒަންކުރުމަށްފަހުގައެވެ. އޮތޯރިޓީން ބުނެފައިވަނީ މިއަދު ލިބުނު ކުންފުނިތަކުގެ މުވާސަލާތުގެ މައްޗަށް ބިނާކޮށް، އޭގެ މަޢުލޫމާތުތައް އެއްކޮށް ނުފުދޭކަމަށް ފާހަގަކުރެވުނު ކަމަށެވެ.
ޑޭޓާ ޕްރޮސެސްކުރުން މަނާކުރުމުގެ އިތުރުން، ޖީ.ޕީ.ޑީ.ޕީ އިން ޗައިނާގެ ޓެކް ސްޓާޓްއަޕް ޑީޕްސީކްއާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ފަށައިގަނެފައިވެއެވެ.
މި ފިޔަވަޅު އަޅާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހު ޖީ.ޕީ.ޑީ.ޕީ އިން އެމެރިކާގެ އޯޕަން އޭ.އައި ކުންފުނީގެ ޗެޓް.ޖީ.ޕީ.ޓީ އާ ދެކޮޅަށް ހިންގި ތަޙުޤީޤާ އެއްގޮތަށެވެ. މިފަދަ ޕްރައިވަސީއާ ގުޅުންހުރި ކަންބޮޑުވުންތަކާ ގުޅިގެން ޗެޓް.ޖީ.ޕީ.ޓީ އަށް ވެސް ވަގުތީ ގޮތުން ހުރަސްތަކެއް ކުރިމަތިކުރެވުނެވެ.
ޑީޕްސީކްއިން އޭގެ ކުޑަ އަގުގެ، އޯޕަން-ސޯސް މޮޑެލް ކަމަށްވާ ޑީޕްސީކް-އާރު1 ތަޢާރަފުކޮށްފައިވަނީ 20 ޖަނަވަރީ 2024 ގައެވެ. މަދު ޗިޕްތަކެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި މޮޑެލްއަކީ ހުޅަނގުގުޅަނގުގެ ޤައުމުތަކުގެ އޭ.އައި ދާއިރާގެ އިސްކަމަށް ގޮންޖަހާ މޮޑެލްއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!