ޣައްޒާ ހަނގުރާމައިގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް ޤަޠަރުގެ ބޮޑުވަޒީރު ގޮވާލައްވައިފިއެވެ.
ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އާލް ޘާނީ އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ އިޒްރޭލާއި ހަމާސްއިން ވަގުތުން ޣައްޒާ ހަނގުރާމަ ހުއްޓުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފަށަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މި މަޝްވަރާތައް ފެށޭނެ ވަކި ތާރީޚެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދޯހާގައި ތުރުކީގެ ޚާރުޖީ ވަޒީރާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝެއިޚް މުޙައްމަދު ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ވަގުތުން މަޝްވަރާތަކުގައި ބައިވެރިވުމަށް ހަމާސްއާއި އިޒްރޭލަށް ގޮވާލާ ކަމަށެވެ.
ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގައިވާ ގޮތުން، ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފުރަތަމަ ފިޔަވަހި ނިމޭތާ 16 ވަނަ ދުވަހުގެ ކުރިން ފަށަން ޖެހެއެވެ.
އިޒްރޭލާއި ހަމާސްއިން ވަނީ ފާއިތުވި މަހު ތިން ފިޔަވައްސަކަށް ބެހިފައިވާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިހާތަނަށް ހަމާސްއިން ވަނީ 18 ރަހީނުން ދޫކޮށްލާފައެވެ. އަދި އޭގެ ބަދަލުގައި އިޒްރޭލުން ވަނީ ހައްޔަރުކުރެވިފައިވާ އެތައް ސަތޭކަ ފަލަސްތީނު މީހުން ދޫކޮށްލާފައެވެ. އެހެންނަމަވެސް އަދިވެސް 70 އަށްވުރެ ގިނަ ރަހީނުން ޣައްޒާގައި ބަންދުކޮށްފައި ތިބި ކަމަށް ބެލެވެއެވެ.
އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ޣައްޒާގައި ތިބި ހުރިހާ ރަހީނުން ދޫކޮށްލުމާއި، ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމާއި، އިޒްރޭލުގެ ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމެވެ.
ޝެއިޚް މުޙައްމަދު ވިދާޅުވީ "މަންދޫބުން އަންނާނީ ކޮންތަނަކަށްކަމާއި އެކަން ހިނގާނީ ކޮން އިރަކުކަން އަދި ސާފެއް ނުވާ" ކަމަށެވެ. އެހެންނަމަވެސް މެދުވެރިން ވަނީ ފޯނުން ހަމާސްއާއި އިޒްރޭލާ މުޢާމަލާތްކޮށްފައި ކަމަށާއި، ޤަޠަރުން ވަނީ ދެވަނަ ފިޔަވަހީގެ މަޝްވަރާތަކުގެ އެޖެންޑާއެއް ކަނޑައަޅާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!