އެމެރިކާއިން އިއުލާންކުރި ޓެރިފްތަކާ ދެކޮޅަށް ދެކުނު އެމެރިކާގެ ގައުމުތަކުން އެމެރިކާއާ ދެކޮޅަށް ތެދުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ އެންމެ ބޮޑެތި ވިޔަފާރި ބައިވެރިންގެ މައްޗަށް ފުޅާ ދާއިރާއެއްގައި ޓެރިފް ކަނޑައެޅުމާ ގުޅިގެން ކެނެޑާ އާއި މެކްސިކޯއިން ޖަވާބުދާރީވާނެ ފިޔަވަޅުތަކެއް އަޅާނެކަމަށް އިއުލާންކޮށްފައިވާއިރު، ޗައިނާއިން ވެސް ވަނީ މި މައްސަލަ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ) އަށް ހުށަހަޅާނެކަމަށް ބުނެފައެވެ.

Ad
rt

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ފެބްރުއަރީ 2 ވަނަ ދުވަހު ވިދާޅުވެފައިވަނީ، ޓްރަމްޕްގެ ޓެރިފްތަކަށް ޖަވާބުދާރީވުމުގެ ގޮތުން 155 ބިލިއަން ކެނޭޑިއަން ޑޮލަރުގެ އެމެރިކާ މުދަލުގެ މައްޗަށް 25 އިންސައްތައިގެ ޓެރިފް ކަނޑައަޅާނެ ކަމަށެވެ.

ޗައިނާއިން ބުނެފައިވަނީ އައު ޓެރިފްތަކާ "ހަރުކަށި ގޮތެއްގައި ދެކޮޅު" ހަދާ ކަމަށާއި، "އަމިއްލަ ޙައްޤުތަކާއި މަސްލަހަތުތައް ހިމާޔަތްކުރުމަށް ހަރުދަނާކަމާއެކު އެކަށީގެންވާ ފިޔަވަޅުތައް" އަޅާނެ ކަމަށެވެ.

މި އިއުލާންތައް ކުރެވުނީ މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމް އޭނާގެ އިޤްތިޞާދީ ވަޒީރަށް މެކްސިކޯގެ މަސްލަހަތުތައް ދިފާއުކުރުމަށްޓަކައި ޓެރިފް އަދި ޓެރިފް ނޫން ފިޔަވަޅުތައް ތަންފީޒުކުރުމަށް އަންގަވާފައިވާކަމަށް ވިދާޅުވި ދުވަހުގެ އަނެއް ދުވަހުއެވެ.

ޓްރަމްޕް ވަނީ ފެބްރުއަރީ 1 ވަނަ ދުވަހު ކެނެޑާ އާއި މެކްސިކޯއިން އެތެރެކުރާ ހުރިހާ މުދަލެއްގެ މައްޗަށް 25 އިންސައްތައިގެ ޓެރިފްއެއް އަދި ޗައިނާއިން އެތެރެކުރާ މުދަލުގެ މައްޗަށް 10 އިންސައްތައިގެ ޓެރިފްއެއް ފެބްރުއަރީ 4 އިން ފެށިގެން ކަނޑައަޅާ އަމުރެއްގައި ސޮއިކުރައްވާފައެވެ. މިއީ އިޤްތިޞާދީ މާހިރުން ބުނާ ގޮތުގައި ދުނިޔޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހި އަލުން އަގުތައް މައްޗަށް ދިއުމަށް މަގުފަހިވެދާނެ އައު ވިޔަފާރީގެ ހަނގުރާމައެއްގެ ނުރައްކަލެކެވެ.

ޓްރޫޑޯ ވިދާޅުވީ 30 ބިލިއަން ކެނޭޑިއަން ޑޮލަރުގެ މުދަލުގެ މައްޗަށް ޓެރިފް ފެބްރުއަރީ 4 އިން ފެށިގެން ތަންފީޒުކުރެވޭނެ ކަމަށާއި، 125 ބިލިއަން ކެނޭޑިއަން ޑޮލަރުގެ މުދަލުގެ މައްޗަށް 21 ދުވަހުގެ ތެރޭގައި ތަންފީޒުކުރެވޭނެ ކަމަށެވެ.