ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރަށް ޑީއާރުޕީން ނުދީ އޮތް ހަތަރު މިލިއަންގެ ރުފިޔާގެ މައްސަލަ އެ ޕާޓީ އުވާލާފައި އޮތުމުން ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

އާމިރުގެ އެއިމްސްސްޓޫޑިއޯއިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޑީއާރުޕީއަށް ދިން ހިދުމަތްތަކާ ގުޅިގެން އޭނާއަށް ހަތަރު މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރިން ހުކުމްކުރި ނަމަވެސް އެ ފައިސާއެއް ނުދައްކަ އެވެ.

Ad
rt

ޑީއާރުޕީން ފައިސާ ނުދައްކާ އޮއްވާ 2022 ވަނަ އަހަރު އެ ޕާޓީ ވަނީ އުވާލައިފަ އެވެ.

ހަތަރު މިލިއަން ރުފިޔާ ދެއްކުމުގެ ހުކުމް ތަންފީޒު ކުރަން އާމިރުގެ ފަރާތުން ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމުގައި ވަނީ ޑީއާރުޕީގެ ނަމުގައި އެއްވެސް ފައިސާއެއް އަދި މުދަލެއް ނެތް ކަމަށެވެ. އަދި ހުކުމުގައިވަނީ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގެ ތެރެއިން އެހެން ފަރާތެއް ދަރަންޏަށް ޒިންމާ ކުރުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެޅޭނެ އިތުރު ފިޔަވަޅެއް ނެތުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

ޑީއާރުޕީން ދައުލަތަށް ދައްކަންޖެހޭ 83،000ރ. ގެ މައްސަލަ ވެސް ކުރިއަށް ނުގެންދެވޭ ކަމަށް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ނިންމި އެވެ. އަދި އެމްޓީސީސީ އަށް އެ ޕާޓީން ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ ވެސް އެބައޮތެވެ.