މަހުޖަނު އީލޮން މަސްކްގެ ޓެސްލާއިން ރޮބޯޓެކްސީ ޚިދުމަތް މިއަހަރު ފަށާނެ ކަން ހާމަކޮށްފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އީލޯން މަސްކް ވަނީ ޓެސްލާއިން މިއަހަރުގެ ތެރޭގައި އެމެރިކާގެ ކެލިފޯނިއާ އަދި އެހެނިހެން ސަރަޙައްދުތަކުގައި ރޮބޯޓެކްސީ ޚިދުމަތް ތަޢާރަފުކުރާނެ ކަމަށް އިޢުލާނުކޮށްފައެވެ.

Ad
rt

ފޯޗޫން މަޖައްލާއިން ރިޕޯޓުކުރި ގޮތުގައި، މި ޚިދުމަތުގައި ބޭނުންކުރާނީ "އަމިއްލައަށް ދުއްވޭ" ކާރުތަކެވެ. އަދި ޖޫން މަހުގެ ތެރޭގައި ޓެކްސާސްގެ އޯސްޓިން ސިޓީގައި މި ޚިދުމަތް ފީއަކާ އެކު ލިބެން ފަށާނެއެވެ.

ބުދަ ދުވަހު ބޭއްވުނު އާމްދަނީއާ ގުޅޭ ބައްދަލުވުމެއްގައި މަސްކް ވަނީ އޮޓޮނޮމަސް ޑްރައިވިންގ ދާއިރާގައި ކުންފުނިން ކުރަމުންދާ ކުރިއެރުންތަކުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ކުންފުނި އިތުރަށް ކުރިއަރާނެ ކަމުގެ ޔަޤީންކަން ފާޅުކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިހާރު ގިނަ މީހުން މެސެޖުތައް ބަލަނީ އަތުން ކާރު ދުއްވާ ވަގުތުގައެވެ. އެއީ ކޮމްޕިއުޓަރުން އިންޒާރު ދޭތީއެވެ.

މަސްކް ބުނި ގޮތުގައި ބައެއް މީހުން ކަކުލުން ސްޓިއަރިންގ ހިފަހައްޓައިގެން އީމެއިލް އަދި މެސެޖު ކިޔައެވެ. މިއީ ސްޓިއަރިންގ އިން އަތް ދޫކޮށްލުމަށްވުރެ މާ ނުރައްކާތެރި ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ޓެސްލާގެ ފުލް ސެލްފް-ޑްރައިވިންގ ސިސްޓަމަށް އަދިވެސް ބައެއް ފަހަރު ޑްރައިވަރުގެ އެހީ ބޭނުންވިޔަސް، މި ސިސްޓަމް ވަރަށް އަވަހަށް ރަނގަޅުވަމުން އަންނަ ކަމަށާއި، އިންސާނުންނަށްވުރެ ރައްކާތެރިކޮށް ކާރު ދުއްވުމުގެ ލަނޑުދަނޑި ޙާޞިލުކުރެވޭނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.

ރޮބޯޓެކްސީގެ ބޭނުމަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ "ސައިބަރކެބް" ގެ ނަމުގައި ސްޓިއަރިންގ ވީލް ނުހުންނަ ކާރެއް 2026 ވަނަ އަހަރު އާންމުކޮށް އުފެއްދުމަށް ވަނީ ރޭވިފައެވެ. ނަމަވެސް މިހާރުވެސް ކެލިފޯނިއާގެ ބޭ އޭރިއާގައި ކުންފުނީގެ މުވައްޒަފުންނާއެކު ރޮބޯޓެކްސީ ޚިދުމަތް ޓެސްޓުކުރަމުންދާ ކަމަށް ޓެސްލާއިން ބުނެފައިވެއެވެ. މި ޓެސްޓުތަކުގައި ރައްކާތެރިކަމަށްޓަކައި ސޭފްޓީ ޑްރައިވަރުން ތިބޭ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.