ސުވީޑަންގެ އާންމު ތަންތަނުގައި ޤުރުއާން އަންދަމުން އައި އިރާގުގެ ރެފިއުޖީއެއް ކަމަށްވާ ސަލްވާން މޮމިކާ (38 އަހަރު) ގަޔަށް ބަޑިޖަހައި މަރާލައިފިކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އޭނާ މަރާލާފައިވަނީ، ސުވީޑަންގެ ސޯދަރްތާލްޖޭ ސަރަހައްދުގައި އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓެއްގައި ކަމަށް މަޢުލޫމާތު ދީފައިވެއެވެ. ބައެއް ފަރާތްތަކުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުން އޭނާ މަރާލާފައިވަނީ ޓިކްޓޮކް ލައިވްއެއްގައެވެ.
މޮމިކާ މަރާލާފައިވަނީ، އޭނާ ޤުރުއާން އަންދާލުމާ ގުޅިގެން ކުރިއަށްދިޔަ ޝަރީއަތުގެ ނިންމުން އިއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. މޮމިކާ ވަނީ 2023 ވަނަ އަހަރު އާންމުކޮށް ޤުރުއާން އަންދާލުމުގެ ހަރަކާތްތަކެއް ސުވީޑަންގައި ހިންގާފައެވެ. މި ހަރަކާތްތަކުގެ ސަބަބުން ގިނަ މުސްލިމް ޤައުމުތަކުގައި ބޮޑެތި އިހުތިޖާޖުތަކާއި ހަމަނުޖެހުންތައް ހިނގާފައިވެއެވެ. އެގޮތުން، ސްވިޑެންގެ ސަފީރު މަޤާމުން ވަކިކޮށް އިރާނުންވެސް ވަނީ ބޭރުކޮށްފަ އެވެ. ގުރުއާނުގެ ކޮޕީތަކެއް އަންދާލުމުން ރުޅިގަދަވި އިރާގުގެ މުޒާހަރާގެ ބައިވެރިން ބަޣުދާދުގެ މެދުތެރޭގައި ހުންނަ ސްވިޑެންގެ އެމްބަސީއަށް ވަދެ އެ ތަނުގައި ހުޅުޖަހައި ހަމަނުޖެހުންވެސް ހިންގާފައިވެއެވެ.
2018 ވަނަ އަހަރު އިރާޤުން ސުވީޑަނަށް ހިޖުރަކުރި މޮމިކާއަށް 2021 ގައި ތިން އަހަރުގެ ރެސިޑެންސީ ހުއްދަ ދީފައިވެއެވެ. އޭނާ ބުނެފައިވަނީ އިސްލާމްދީނާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ މަޤްޞަދަކީ މުސްލިމުންނާ ދެކޮޅަށް ކުރާކަމެއް ނޫންކަމަށާއި، އިސްލާމްދީނާ ދެކޮޅަށް ކުރާކަމެއް ކަމަށެވެ. އަދި ޤުރުއާނުގެ މެސެޖުތަކުން ސުވީޑަންގެ ރައްޔިތުން ސަލާމަތްކުރުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އޭނާގެ މަރުގެ މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށާއި މި މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް 5 މީހުން ހައްޔަރުކޮށްފައިވާކަމަށް ސުވީޑަންގެ ފުލުހުން ބުނެފައިވެއެވެ.
2023 ވަނަ އަހަރު ސްވިޑްންގެ ހަރުކަށި ކަނާއަތުފިޔައިގެ ޕާޓީގެ ލީޑަރު ކީރިތި ޤުރުއާން އަންދާލި މައްސަލަ ދިވެހި ސަރުކާރުންވެސް ކުށްވެރި ކޮށްފައިވެއެވެ.
އެދުވަސްވަރު، ސްވީޑެން ބަހަށް ތަރުޖަމާކޮށްފައިވާ ކީރިތި ޤުރުއާންގެ އެއް ލައްކަ ކޮޕީ އެ ގައުމުގައި ބަހަން ކުވޭތުންވެސް ނިންމި އެވެ.
މީގެ ކުރިން ވެސް ސްވިޑެންގައި ރާވައިގެން ގުރުއާނުގެ ކޮޕީތައް އަންދާ މައްސަލައިގައި މީހުން ރުޅިގަދަވެ، މުޒާހަރާކޮށްފައިވެއެވެ. ސައުދީ އަރަބިއާ އާއި އިރާގާއި އިރާނާއި މުސްލިމް އެހެން ގައުމުތަކުގައި ވެސް އެ އަމަލާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ.
ކީރިތި ގުރުއާން އަންދާ، މުސްލިމުންނަށް ފުރައްސާރަ ކޮށްފައި ވަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ސްވިޑަންގެ ސިޔާސީ ޕާޓީއެއްގެ ލީޑަރުކަމަށްވާ ރަސްމުސް ޕެލުޑާން އެވެ. ސްވިޑެންއާއި ޑެންމާކަށް ނިސްބަތްވާ ޕެލުޑާންއަކީ މުސްލިމުންނަށް ފުރައްސާރަކުރުމާއި، މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ ރެކޯޑެއް އޮންނަ މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!