މެދުރާއްޖެތެރޭގެ ރަށެއްގައި ގްރޫޕަކުން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތުގައި މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

Ad
rt

އަދި މި މައްސަލާގައި ހިމެނޭ ކުއްޖާގެ އުމުރަކީ 17 އަހަރު ކަމަށް މީގެކުރިން ބުނެވިފައިވީ ނަމަވެސް ރަނގަޅު ގޮތަކީ އެ ކުއްޖާގެ އުމުރަކީ 14 އަހަރު ކަމަށް ފުލުހުން ބުނެއެވެ.

އެ ކުއްޖާގެ މައުލޫމާތު ހާމަވެދާނެތީ އެއީ ކޮން ރަށެއްގައި ހިނގި ހާދިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަށް ވަރަށް ސީރިއަސް ގޮތެއްގައި ފުލުހުން އަންނަނީ ބަލަމުންނެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މާލޭގައި ވެސް އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލާގައި 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ހައްޔަރުކޮށްފައިވާ މީހާއަކީ ސިފައިންގެ މީހެކެވެ. އޭނާ މިހާރު ވަނީ ސިފައިންގެ ވަޒީފާ އިން ސަސްޕެންޑްކޮށްފައެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި ހާދިސާއަށްފަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.