ޗައިނާގެ އިންޓަނެޓް ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އަލިބާބާއިން އެކުންފުނީގެ އައު އޭ.އައި މޮޑެލް، ކިއުވެން 2.5 މެކްސް ތަޢާރަފުކޮށްފިއެވެ. މިއީ ޑީޕްސީކްގެ އޭއައި މޮޑެލްއަށްވުރެ ރަނގަޅު މޮޑެލްއެއްކަމަށް އަލިބާބާއިން ދަޢުވާކުރެއެވެ. އަދި މިއީ އޯޕެންއޭއައިގެ ޖީޕީޓީ-4އޯ އަދި މެޓާގެ ލަމާ-3.1-405ބީ އަށްވުރެވެސް ރަނގަޅު މޮޑެލްއެއްކަމަށްވެސް ބުނެފައިވެއެވެ.
އަލިބާބާއިން މިކަން އިޢުލާނު ކޮށްފައިމިވަނީ ޑީޕްސީކްގެ އޭއައި މޮޑެލްތަކުން ދުނިޔޭގެ އޭއައި ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ. ޖެނުއަރީ 10 ގައި ޑީޕްސީކްއިން ތަޢާރަފުކުރި ޑީޕްސީކް-ވީ3 އަދި ޖެނުއަރީ 20 ގައި ނެރުނު އާރް1 މޮޑެލްތަކުގެ ސަބަބުން ސިލިކަން ވެލީގެ ޓެކް ކުންފުނިތަކުގެ ހިއްސާގެ އަގަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ.
ޑީޕްސީކްއިން ބުނާގޮތުގައި އެކުންފުނީގެ ޑީޕްސީކް-ވީ3 އަކީ އޯޕެންއޭއައިގެ ޖީޕީޓީ-4އޯ އާ އެއްވަރުގެ މޮޑެލްއެކެވެ. ނަމަވެސް އޭގެ އަގު މާ ހެޔޮވާނެކަމަށް އެކުންފުނިން ބުނެއެވެ. އަލިބާބާގެ މައި އޮފީސް ހުންނަ ހަންޒޫގައި އުފެދުނުތާ 20 މަސްދުވަސް ވެފައިވާ ޑީޕްސީކްއިން ނެރޭ އަގުހެޔޮ، ފެންވަރު ރަނގަޅު މޮޑެލްތަކުގެ ސަބަބުން އަލިބާބާ، ޓެންސެންޓް އަދި ބައިޑޫ ފަދަ ބޮޑެތި ކުންފުނިތަކަށްވެސް އެކުންފުނީގެ އޭއައި ސިސްޓަމްތައް ރަނގަޅުކުރަން މަޖުބޫރުވެފައިވެއެވެ.
މިދިޔަ އަހަރު ޑީޕްސީކްއިން ވީ2 މޮޑެލް ނެރުމާއެކު ޗައިނާގެ އޭއައި މާރކެޓްގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ހުޅުވާލެވިފައިވާ އޯޕަން ސޯސް މޮޑެލްއެއްކަމަށްވާ ވީ2 މޮޑެލްގައި 1 މިލިއަން ޓޯކަން ޕްރޮސެސްކުރުމަށް ނަގަނީ އެންމެ 1 ޔުއާން އެކެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ ގާތްގަޑަކަށް 2 ރުފިޔާއެވެ. މި އަގުތަކާ ވާދަކުރުމަށް އަލިބާބާގެ ކްލައުޑް ޑިވިޜަނުން ވަނީ ބައެއް މޮޑެލްތަކުގެ އަގު 97 އިންސައްތައަށްވުރެ ބޮޑަށް ދަށްކޮށްފައެވެ.
މިހާރު އުފެދިފައިވާ ވާދަވެރިކަމުގެ ސަބަބުން މި ދާއިރާގެ އެންމެ ބޮޑެތި ކުންފުނިތަކަށްވެސް އެ ކުންފުނިތަކުގެ ސްޓްރެޓެޖީތައް އަލުން ބަލައި މުރާޖަޢާކުރަން ޖެހިފައިވެއެވެ. އޯޕެންއޭއައިގެ ސީއީއޯ، ސެމް އޯލްޓްމަން ވަނީ ޑީޕްސީކްގެ ކުރިއެރުން "ވަރަށްރަނގަޅު" ކަމަށް ބުނެފައެވެ. އަދި އޯޕެންއޭއައިއިން މިއަށްވުރެ ފުރިހަމަ މޮޑެލްތަކެއް ތައްޔާރުކުރަމުންދާ ކަމަށްވެސް އޭނާ ވަނީ އިޝާރާތްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!