ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑީޕްސީކްއިން ތަރައްޤީކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްއާ ގުޅޭގޮތުން ކޮށްފައިވާ ދަޢުވާތަކާމެދު ސުވާލު އުފެދިއްޖެއެވެ.

ގޫގުލް އަދި އޯޕަން އޭއައި ފަދަ ބޮޑެތި ކުންފުނިތަކުގެ އޭއައި މޮޑެލްތަކާ އެއްފެންވަރުގެ މޮޑެލެއް ވަރަށް ކުޑަ ޚަރަދެއްގައި ތަރައްޤީކުރެވުނު ކަމަށް ޑީޕްސީކްއިން ބުނެފައިވާ ބުނުމާމެދު ޓެކްނޮލޮޖީ ދާއިރާގެ އިސް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. މީގެ ތެރޭގައި އެލަން މަސްކް އާއި ޕާމާ ލަކީ ހިމެނެއެވެ.

Ad
rt

ޗައިނާގެ ޖެޖިއާންގ ޕްރޮވިންސްގެ ވެރިރަށް ހަންގްޒޯގައި ހިންގާ މި ކުންފުނިން ތަރައްޤީކޮށްފައިވާ "އާރު1" މޮޑެލް ތަރައްޤީކުރުމަށް ހޭދަވި 5.6 މިލިއަން ޑޮލަރަކީ އެކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ އަދަދަށްވުރެ މާ ކުޑަ އަދަދެކެވެ. އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ބުނާގޮތުގައި ޖީޕީޓީ-4 ތަރައްޤީކުރުމަށް 100 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަވިއެވެ.

ވޮޝިންގްޓަން ޔުނިވަރސިޓީގެ ކޮމްޕިއުޓަރ ސައިންސް ޕްރޮފެސަރ ޕެޑްރޯ ޑޮމިންގޯސް ބުނާގޮތުގައި މި މޮޑެލް 6 މިލިއަން ޑޮލަރުގައި ތަރައްޤީކުރެވިދާނެއެވެ. ނަމަވެސް އެހެން ބައެއްގެ އަގުބޮޑު މޮޑެލްތަކަކަށް ބިނާކޮށް މި މޮޑެލް ތަރައްޤީކޮށްފައި ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާރު1 އަކީ ޑީޕްސީކްއިން ތަރައްޤީ ކުރަމުންދާ އާޓިފިޝަލް އިންޓެލިޖެންސްގެ އެންމެ ފަހުގެ ވާރޝަނެވެ. އޭގެ މައިގަނޑު ބޭނުމަކީ އިންސާނުން ދައްކާ ވާހަކަ އާއި އިންސާނުން ދޭ އިރުޝާދު ދެނެގަނެވޭ މިންވަރު އިތުރު ކުރުމުގެ އިތުރުން ކޯޑް ލިޔުމާއި ކޯޑް ދޭހަކުރުމުގެ ޤާބިލުކަން އިތުރު ކުރުމެވެ. މި މޮޑެލް ތަރައްޤީ ކުރުމަށް ބޭނުންކޮށްފައިވަނީ އެންވިޑިއާގެ 2000 އެޗް800 ޖީޕީޔޫ އެވެ. މި އަދަދަކީވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާ އަދަދެކެވެ.