ސިރީގެ ގިނަ އިސްލާހުތަކަކާއެކު އައިއޯއެސްގެ އައު އަޕްޑޭޓް 18.4 އަންނަ އެޕްރީލް މަހު ނެރޭނެ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.
އެޕަލްއިން iOS 18.3 ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ކުރިއަށް އޮތް iOS 18.4 އަޕްޑޭޓްގެ މައުލޫމާތު މިވަނީ މީޑިއާއަށް ތިލަވެފައެވެ. މި އަޕްޑޭޓްގައި އެޕަލް އިންޓެލިޖެންސްގެ އައު ފީޗަރތަކަކާއި، ގިނަ ދުވަސްވަންދެން އިންތިޒާރުކުރެވުނު ސިރީގެ އަޕްގްރޭޑް ހިމެނޭނެ ކަމަށް ބެލެވެއެވެ.
ބްލޫމްބާރގްގެ މާރކް ގަރމަންގެ "ޕަވަރ އޮން" ނިއުސްލެޓަރގައި ހާމަކުރި ގޮތުގައި މި އަޕްޑޭޓް ނެރުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ.
މި އަޕްޑޭޓްގައި އެޕަލްއިން މާކެޓްކުރަމުން އަންނަ ސިރީގެ އައު ވަރޝަން ހިމެނޭނެއެވެ. އައު އަޕްޑޭޓާއެކު ސިރީއަށް ޔޫޒަރުންގެ އަމިއްލަ މައުލޫމާތުތަކަށް އެކްސެސް ލިބި، ފޯނުގެ ސްކްރީނުގައި ހުރި މައުލޫމާތު ބަލައި، އެ މައުލޫމާތުގެ އަލީގައި ސުވާލުތަކަށް ޖަވާބު ދެވޭނެއެވެ.
ގަރމަން ހާމަކުރި ގޮތުގައި، އައު އަޕްޑޭޓާއެކު ސިރީއަށް އީމެއިލް، މެސެޖް، ފޮޓޯ، ކަލަންޑަރު އިވެންޓްތައް އަދި ފައިލްތައް ދިރާސާކޮށް، ޔޫޒަރުންގެ އަމިއްލަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޖަވާބު ދެވޭނެއެވެ. މީގެ އިތުރުން، އަޑުން އޮޕަރޭޓިންގ ސިސްޓަމް ކޮންޓްރޯލްކުރުމުގެ ފުރުސަތު އިތުރަށް ފުޅާވެގެންދާނެއެވެ.
ކުރިއަށް އަޕްޑޭޓްގައި އެޕަލް އިންޓެލިޖެންސްގެ ޚިދުމަތް އިތުރު ބަސްތަކަށް ތަޢާރަފުކުރެވޭނެ ކަމަށްވެސް ބެލެވެއެވެ. މީގެ ތެރޭގައި ޗައިނީޒް، އިންޑިއަން އިނގިރޭސި، ސިންގަޕޫރު އިނގިރޭސި، ފަރަންސޭސި، ޖަރުމަނު، އިޓަލިއަން، ޖަޕަނީޒް، ކޮރެއަން، ޕޯޗުގީޒް، ސްޕެނިޝް އަދި ވިއެޓްނާމީސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!