ސާބިއާގެ ބޮޑުވަޒީރު މިލޮސް ވުސެވިޗް އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެމަނިކުފާނު އިސްތިއުފާ ދެއްވާފައި މިވަނީ ނޮވެމްބަރު މަހު ހިނގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ފެށުނު މުޒާހަރާތަކުގެ ތެރެއިންނެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ އެއީ އެމަނިކުފާނުގެ އަމިއްލަ ނިންމެވުމެއް ކަމުގައެވެ.
ބޮޑުވަޒީރު ވުސެވިޗް އިސްތިއުފާ ދެއްވިއިރު، ދަނޑުވެރިންގެ އެހީތެރިކަމާއެކު މުޒާހަރާކުރި ފަރާތްތަކުން ބެލްގްރޭޑްގެ މައި މަގުތަކުގެ ދަތުރުފަތުރު ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. މި މުޒާހަރާތައް ފެށިފައިވަނީ ނޮވީ ސާޑްގައި ހުރި ރޭލްވޭ ސްޓޭޝަނެއްގެ ކެނޮޕީއެއް ވެއްޓި، 15 މީހުން މަރުވެގެން ދިޔަ ހާދިސާއާ ގުޅިގެންނެވެ.
މުޒާހަރާކުރާ ފަރާތްތަކުން ބުނަނީ މި ހާދިސާ ހިނގީ ސަރުކާރުގެ އިހުމާލުންނާއި ކޮރަޕްޝަނުގެ ސަބަބުން ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ސަރުކާރަށް ޒިންމާ އުފުލަން ޖެހޭނެ ކަމަށް ބުނެއެވެ. މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަނީ ސަރުކާރުގެ ހިންގުން ހާމަކަން ބޮޑު ގޮތެއްގައި ބެހެއްޓުމަށާއި ޒިންމާދާރު ކުރުވުމަށެވެ.
ސޯމުވަހުގެ އެތައް ހާސް ދަރިވަރުން ވަނީ ސާބިއާގެ ވެރިރަށް ބެލްގްރޭޑްގެ މައި މަގުތަކަށް ނުކުމެ މުޒާހަރާގައި ބައިވެރިވެފައެވެ.
ބޮޑުވަޒީރުގެ އިސްތިއުފާއާ ގުޅިގެން އައު ސަރުކާރެއް އެކުލަވާލުމަށް ނުވަތަ އަވަސް އިންތިޚާބަކަށް ދިއުމަށް ޕާލިމެންޓަށް 30 ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!