އިސްރާއީލް ސިފައިން ހުޅަނގު އައްސޭރީގެ އުތުރުގައި ހިންގަމުންދާ ހަނގުރާމަވެރި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ޖެނިންގެ އިތުރުން ޓުލްކަރަމް ސިޓީއަށް އަމާޒުކޮށް ހަމަލާތައް ފަށައިފިއެވެ.
ލިބިފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި އިސްރާއީލް ސިފައިން ވަނީ ހޯމަ ދުވަހުން ފެށިގެން ޓުލްކަރަމް އާއި އެސަރަހައްދުގެ ދެ ރެފިއުޖީ ކޭމްޕް ކަމުގައިވާ ނޫރު ޝަމްސް އަދި ޓުލްކަރަމް ކޭމްޕަށް ހަމަލާދީ، އެސަރަހައްދު އަސްކަރީ ބެރެކްސްތަކަކަށް ބަދަލުކޮށްފައެވެ. އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ އާއިލާތަކެއް ވަނީ އެމީހުންގެ ގެތައް ދޫކޮށް ފުރާން މަޖުބޫރުވެފައެވެ.
ޓުލްކަރަމް ކޭމްޕުގެ ހިދުމަތްތަކުގެ ކޮމިޓީގެ އިސްވެރިޔާ ފައިސަލް ސަލާމާ ވިދާޅުވިގޮތުގައި އިސްރާއީލް ސިފައިން ވަނީ ފަލަސްތީނުގެ މަދަނީ ރައްޔިތުން ހިއުމަން ޝީލްޑުގެ ގޮތުގައި ބޭނުންކޮށް، އަދި އިންފްރާސްޓްރަކްޗަރ ހަލާކުކޮށްފައެވެ. އިއްޔެ ޓުލްކަރަމްގައި އިސްރާއީލްގެ ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ދެ ރައްޔިތުން މަރުވެ، އިތުރު ތިން މީހުން ވަނީ ޒަހަމްވެފައެވެ.
ޖެނިންގައި އެއް ހަފްތާގެ ތެރޭގައި މަދުވެގެން ފަލަސްތީނުގެ 16 ރައްޔިތުން މަރުވެ، 50 މީހުން ވަނީ ޒަހަމްވެފައެވެ. މިއީ އޮކްޓޯބަރ 7، 2023 އިން ފެށިގެން ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހުޅަނގު އައްސޭރީގައި އިތުރުވަމުން އަންނަ ގެރިއްލާ ހަމަލާތަކާ ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން ބައެކެވެ.
ޣައްޒާގައި އޮކްޓޯބަރ 7 އިން ފެށިގެން 47،300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 111،500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި މުއްދަތުގައި ހުޅަނގު އައްސޭރީގައި މަދުވެގެން ފަލަސްތީނުގެ 880 މަރުވެ، 6،700 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!