އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާއަކީ މުޖްތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި އެހެންވެ, އޭނާ އަލުން ބަންދު ކުރަން ޖެހޭ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
އޮކްޓޫބަރު, 2021 ގައި މޭރީ މަރާލި މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނަނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ތެރޭގައި މޭރީ މަރާލި ކަމަށެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ވަނީ ލަމްހާ ބަންދުން ދޫކޮށްލައިފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ލަމްހާގެ މައްޗަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ. އަދި ލަމްހާ ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކާ ހުރި މީހެއް ކަމަށްވާތީ ކަމަށާއި ހައި ކޯޓުން ކުރިން އެގޮތަށް ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ހޮސްޕިޓަލްތަކުގައި ނޫނީ ބޭނުން ނުކުރެވޭ ފަދަ ބޭހެއް ލަމްހާގެ ކޮޓަރިން ފެނިފައިވާއިރު, މޭރީގެ ހަށިގަނޑުން ވެސް އެ ބޭހުގެ އަސަރު ފެނިފައިވާ ކަމަށެވެ. އަދި ލަމްހާގެ ބަންދުކުރި ހާލަތު އަދިވެސް ބަދަލު ވެފައިނުވާ ކަމަށާއި އެހެންކަމުން އޭނާ ބަންދުކުރަން ޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން އެދުނީ ލަމްހާ ދޫކޮށްލަން ނެރުނު އަމުރު ބާތިލްކޮށް, ދަށު ކޯޓުން އަލުން ބަންދާ މެދު ގޮތެއް ނިންމަންދެން އޭނާ ބަންދުކުރަން ހައި ކޯޓުން އަމުރުކޮށް ދިނުމަށެވެ.
ލަމްހާގެ ވަކީލް ބުނީ ކޯޓުން ލަމްހާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު ކަމަށާއި އޭނާގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ވަކީލް ބުންޏެވެ. އަދި ލަމްހާ ދޫކޮށްލި ފަހުން ގެއިން ބޭރަށް ދާން ހުއްދައަށް އެދުނީ އެންމެ ފަހަރަކު ކަމަށް ވިޔަސް, އެކަމަށް ވެސް ފުލުހުން ހުއްދަ ނުދިން ކަމަށާއި އޭނާ ދޫކޮށްލާފައިވަނީ ވަރަށް ގިނަ ކަންތައްތަކަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ވަކީލް ބުންޏެވެ.
އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އެހެންވެ, ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!